ޚަބަރު

ޒުވާނުން ބޭނުންވާ މަސައްކަތް ކުރެވޭނެ އޮފީސް މާހައުލެއް ފަހިކޮށްދޭނަން: ވަޒީރު


  • އެކި މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރުން އެހީތެރިވެދެއްވާނެކަމަށް ވިދާޅުވި

ޒުވާނުން ކުރާ މަސައްކަތްތައް ކުރިއެރުވުމަށް އޮފީސް މާހައުލެއް ހޯދަދެއްވާނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެ ވުޒާރާއިން ކުރިއަށްގެންދެވި މޯލްޑިވްސް ޔޫތު ހެކަތޯން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ހެކަތޯން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ޒުވާނުންގެ ހުރި ޚިޔާލުތައް ކުރިއަރުވާ އެކި މަޝްރޫޢޫތައް ކުރިއަށް ގެންދިޔުމުގައި ސަރުކާރުން އެހީތެރިވެދެއްވާނެކަމަށެވެ. އަދި ޒުވާނުން ބޭނުންވާ މަސައްކަތްތަކުގެ ޚިޔާލުތައް ގެއްލުވާނުލާ ކުރިއަށް ގެންދިއުމަށްވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ޒުވާނުންނަށް ދިމާވާ އުނދަގޫތައް ފާހަގަކުރައްވާ ވަޒީރު ވަނީ ޒުވާނުން ބޭނުންވާ މަސައްކަތް ކުރާނެ ތަނެއް ނެތުމުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ހައްލުކުރަން މި ސަރުކާރުން ދިވެހި ޒުވާނުންނަށް މަސައްކަތް ކުރެވޭނެ އޮފީސް މާހައުލެއް ފަހިކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުންގެ ޚިޔާލާއެކު ހިއްލާލަދޭނެ ވިޔަފާރިވެރިން. ވީހާވެސް ގިނަ ހެކަތޯންތައް ބާއްވާ ޚިޔާލުތައް ހުށައަޅާ ރަނގަޅު ފެންވަރުގެ ޕްރޮޑަކްޓްތައް ނެރެވިދާނެ. ވީވަރަކުން ބަލާނަން އަޅުގަނދުމެންގެ ސަޕޯޓް ދެވޭތޯ." ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން ރާއްޖެއަށް ބޭނުންތެރި އެހެނިހެން ދާއިރާތަކުން ކުރިއަށްދިއުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން އައު ވިސްނުންތަކާއެކު މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެއްބާރުލުން ދިނުމަށްވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑު ބުނެލަން ބޭނުންވަނީ ރާއްޖޭގެ ސިއްހީ ދާއިރާއި، ތިމާވެށީގެ ދާއިރާއާއި އސްރަށްވެހިންގެ މައްސަލަތަކަށްވެސް ބަލާށޭ. އެކިއެކި މައްސަލަތަކަށް ބައްލަވާ ހައްލު ހޯދުމަށް ތި ޒުވާނުންގެ ހިތްވަރާއި އެއްބާރުލުމާއި ވިސްނުން ބޭނުން ކުރަމާ ހިނގާށޭ." މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ހެކަތޯންގައި ޖުމްލަ 10 ޓީމެއް ބައިވެރިވެ ޚިޔާލު ހުށައަޅާފައިވެއެވެ. މި ހެކަތޯންއަކީ 30 ގަޑި އިރަށް ކުރިއަށް ގެންދިޔަ ހެކަތޯންއެކެވެ. ހެކަތޯން ނިންމުމުގެ ރަސްމިއްޔާތުގައި ހެކަތޯންގެ އެއްވަނަ ހާސިލްކުރި "ފަންނުވެރިންނަށް" ވަނީ 100000 ރުފިޔާގެ އިނާމެއް ދީފައެވެ. މި އިނާމް ހަވާލުކޮށްދެއްވީ މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މާރިޔާއެވެ.

މި ހެކަތޯންގައި 3 ދާއިރާއަށް ޕިޗް ކުރުމަށް ހުޅުވާލިއެވެ. އޭގެތެރޭގައި ނަފުސާނީ ދުޅަހެޔޮކަމާއި ސިއްހަތަށް އަމާޒުކޮށްގެން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފެއްދުންތެރި ސޮލިއުޝަންތަކެއް އުފެއްދުމަށާއި ޑިޖިޓަލް ގާބިލުކަން އިތުރުކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދޭ އީ- ކޮމާސް ސްޓްރެޓެޖީތައް އެކުލަވާލުން ހިމެނެއެވެ..