ޚަބަރު

ތިޖޫރިތަކެއް ފަޅާލައި، ފައިސާތަކެއް ނެގި ބަޔަކު ހައްޔަރުކޮށްފި


މާލޭގައި ތިން ތިޖޫރި ފަޅާލައި، މިލިއަނަކަށްވުރެ ގިނަ ފައިސާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ފަސް މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސުން ހައްޔަރުކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރެއްވި ގޮތުގައި ރޭ ދަންވަރު މި ވައްކަންކޮށްފައިވަނީ ފިލާ ބިލްޑިންގާ އިންވެގެން ހުންނަ އެމް.ޔޫ ބިލްޑިންގގެ 6 ވަނަ ފަންގިފިލައާއި 10 ވަނަ ފަންގިފިލާގައި ހުރި 3 ތިޖޫރިއެއް ފަޅާލައިގެންނެވެ. އެމީހުން އެ ޢިމާރާތުން ވައްކަންކޮށްފައިވަނީ ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ ޓޭޕް އަޅައި ބަނުމަށްފަހު ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި 3 ތިޖޫރި ފަޅާލައި، މިލިއަނަކަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ބޭރު ފައިސާ ވަގަށް ގެންގޮސްފައިވާއިރު، ވަގަށްނެގި ފައިސާ ޖުމްލަ އަދަދު އަދި ސާފުނުކުރެއްވޭ ކަމަށާއި، ފައިސާގެ ވެރިފަރާތާ ގުޅިވަޑައިގެން ފައިސާގެ ތަފްޞީލް ބައްލަވަމުން ގެންދަވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވިއެވެ.

މި ވައްކަމުގެ މަޢުލޫމާތު ލިބުނު ވަގުތުން ފެށިގެން ފުލުހުން ފެއްޓެވި އޮޕަރޭޝަނުގައި 5 މީހަކު ހައްޔަރުކުރައްވައި، ޓެކްސީއެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައެވެ. ވަގަށް ނެގިކަމަށް ބެލެވޭ ފައިސާ ގ. ބުރަކިގޭ ވައިގޮޅިތެރޭގައި ފޮރުވާފައި ހުއްޓާ އެފައިސާ ހޯއްދަވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14614795714219.jpg|ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޓެކްސީ / ފޮޓޯ: ޕޮލިސް މީޑިއާ

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ މި ވައްކަން ހިނގިކަން ފުލުހުންނަށް ފާހަގަކުރެއްވުނީ، ރޭ ދަންވަރު ތިންޖެހުމާ ކައިރިވެފައި ހުއްޓައި، މާލެތެރެ ބެލެހެއްޓުމުގައި ޙަރަކާތްތެރިވި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ހުއްޓުވި ޓެކްސީއެއްގެ ތެރެއިން ފެނުނު ސަމާނުތަކަކާ ގުޅިގެންކަމަށެވެ. 

ވައްކަން ކުރުމަށް ބޭނުންކުރެވޭނެ ފަދަ ތަކެތި ޓެކްސީގެ ތެރެއިން ފެނުމުން، އެކަން ތަޙްޤީޤްކުރުމުން ބާޒާރުމަތީ ފިލާބިލްޑިންގއާ އިންވެގެން ހުންނަ އެމް.ޔޫ. ބިލްޑިންއިން ވައްކަންކުރިކަން އެނގުނުކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލައިގައި ޝައްކުކުރެވޭ މީހުން ހައްޔަރުކުރައްވާފައިވަނީ ފުލުހުންގެ ކަމާބެހޭ ޑިޕާޓްމަންޓްތައް ގުޅިވަޑައިގެން ހިންގެވި ޚާއްޞަ އޮޕަރޭޝަންގައެވެ. 

މި މައްސަލަ ޚާޢްޞަ މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރައްވަމުން ގެންދަވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރައްވައެވެ.