ޚަބަރު

ދަތުރުތަކުގެ ސަބަބުން ރައްޔިތުން އުއްމީދުކުރާ ތަރައްގީ ހާސިލުކޮށްދިނުމަށް ފަސޭހަވާނެ: ރައީސް


  • ރައީސް ވަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުފުޅެއް ފައްޓަވާފައި

  • މިހާތަނަށް 100އަށްވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވައިފި

  • މިއަހަރުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ

ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުތަކުގެ ސަބަބުން އުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީގެ ރޮނގުން ރައްޔިތުން ހާސިލުކުރަން ބޭނުންވާ ކަންކަމަކީ ކޮބައިކަން ވަރަށް ރަނގަޅަށް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުުފުޅުގެ ތެރެއިން ރ.އިނގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ ރައްޔިތުންނާއި ގާތަށް ވަޑައިގެން، ރައްުޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެއްވުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށާއި ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކު، ރައްޔިތުން ބޭނުންވާ ގޮތަށްކަމަށެވެ. އަދި ސަރުކާރުގެ އެންމެ ކުރީކޮޅު ރަށްތަކަށް ގޮސް ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ނިންމެވީ މި ސަބަބަށްޓަކައިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިދިޔަ 3 މަސްދުވަހުގެ ތެރޭގައި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން 100 އަށްވުރެ ގިނަ ކައުންސިލަކާއި ބައްދަލުވެވަޑައިގެން، މުހިއްމު މަޝްވަރާތަކެއް ބޭއްވެވިކަމަށެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނަށް މުހިންމު ވަރަށް ގިނަ ކަންކަން އެނގިވަޑައިގެންނެވިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތައް ބައްޓަންކުރާނީ ރައްޔިތުން ދެއްވާ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި ސަރުކާރާއި ހަވާލުވެވަޑައިގެން މިވީ 3 މަސްދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތަކީވެސް އެމަހުން ކުރެއްވި މަސައްކަތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރައްޔިތުން ބޭނުންވާ ކަންކަމުގެ ފުރިހަމަ މައްޒަރެއް ފެނިގެން މިދަނީ. މީގެސަބަބުން ސީދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެތެރެއިން މަސައްކަތް ކުރުމަށް އެބަ ފަސޭހަވޭ. މިހާރުވެސް މި ކަމުގައި ފިޔަވަޅުތައް އަޅާން ފަށައިފިން. މަސައްކަތްތައް ހުއްޓާނުލާ ކުރިއަށްދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހަފްތާ ނިމޭއިރު ރާއްޖޭގެ 150 އަށްވުރެ ގިނަ ރަށްތަކުގެ ކައުންސިލްތަކާ އެމަނިކުފާނު ބައްދަލުކުރައްވާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގުރައިދުއާއި ސަރަޙައްދީގޮތުން މި ސަރަޙައްދަށް އަންނާނެ ތަރައްޤީގެމައްޗަށް ރައްޔިތުންގެ ބައްދަލުކުރެއްވުމުގައި އަލިއަޅުއްވާލައްވާފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާގޮތަށް ރ.އަތޮޅު ދެކުނު ބިތުގައި އެއަރޕޯޓެއް ތަރައްޤީކުރައްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ.

ރ.އަތޮޅަކީ މިހާރުވެސް 20 ރިސޯޓް ހިންގަމުންދާ އަތޮޅަކަށްވުމާއެކު، އަތޮޅުގެ ރައްޔިތުން އުއްމީދުކުރަނީ މި ސަރަޙައްދުގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް ތަރައްޤީވެގެން އައުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއަރޕޯޓް މަޝްރޫޢު ކުރިއަށްގެންދަވާނީ ސަރަޙައްދުގެ ރައްޔިތުންނާއި އަދި އިޤްތިޞާދީގޮތުން ސަރަޙައްދަށް އެންމެ ފައިދާ ބޮޑުވާނެގޮތަށްކަމަށެވެ.

"އެއަރޕޯޓް ތަރައްޤީކުރުމުގައި ރައްޔިތުންގެ ޚިޔާލު ހޯދާނަން. އެ މަސައްކަތްކުރާނީ ރައްޔިތުން ބޭނުންވާގޮތަށް. ރައްޔިތުން ބޭނުންވާ ކަހަލަ އެއަރޕޯޓް ޚިދުމަތަކަށް އެ ޚިދުމަތް ވާނެ. އޭގެ ނަތީޖާ ރަނގަޅުވާނެ. އެތަށް ވަޒީފާތަކެއް އުފެދޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިނގުރައިދޫގައި މިހާތަނަށް ފަށާ، ނުނިމި ހުރި މަސައްކަތްތައްވެސް ވީހާވެސް އަވަހަށް ނިންމަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ.