ކުޅިވަރު

"ދިގު މުއްދަތަކަށް ބިން ދީފިނަމަ، ހޭންބޯލް އިންޑޯއެއް ތަރައްގީކުރާނަން"


ސަރުކާރުން ދިގު މުއްދަތަކަށް ބިމެއް ދީފިނަމަ، އިންޑޯ ފެސިލިޓީއެއްގެ ތަރައްގީކުރެވިގެންދާނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

މުޖުތަބާގެ ދައުރުގައި ހޭޑްބޯލް އިންޑޯ ފެސިލިޓީއެއް ގާއިމުކުރުމަކީ އެންމެ ބޮޑު އެއް އަމާޒެވެ. އެކަން ހާސިލުކުރުމަށް މިދިޔަ ސަރުކާރާއެކުވެސް ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ އެ އެސޯސިއޭޝަނުގެ ހުށެހެޅުމަކީ ދިގު މުއްދަތަކަށް ބިމެއް ދިނުން ކަމަށެވެ. އަދި އެ ތަނުގައި ރަނގަޅު ފެންވަރުގެ ފެސިލިޓީއެއް ގާއިމުކޮށްދޭނެ ފަރާތްތައް އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ޕްރައިވަޓައިޒްކޮށް ބޭރު ގައުމުތަކުންވެސް ހުށެހެޅުން ލިބުނު ކަމަށާއި، އެހެން ނަމަވެސް ދިމާވީ މުއްދަތުގެ މައްސަލަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މުޖުތަބާ ވިދާޅުވީ ވަކި މުއްދަތަކަށް ތަން ހަވާލުކޮށް، ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވި އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ.

"
ކޮންމެ ކަމަކީވެސް ބިޒްނަސް މޮޑިއުލަށް ދެއްތޯ ދާނީ، ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް. އެގޮތުން އެކަން ކޮށްދޭނެ ވަރަށް ގިނަ ފަރާތްތައް އެބަތިބި ބޭރުގެ ފަރާތްތަކާއެކު. އަޅުގަނޑު ވިސްނުން ހުރީ އަޅުގަނޑުމެން މިހާރު ކުޅެމުންދާތަން، އާންމުކޮށް އިއުލާންކޮށްގެން އެންމެ ރަނގަޅު ހުށެހެޅުމެއް ހުށަހަޅާ ފަރާތަކާއެކު ކުރިއަށްދާނީއޭ.
އަޙްމަދު މުޖުތަބާ - ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް

މުޖުތަބާ ވިދާޅުވީ ރާއްޖޭގައި ހޭންބޯޅަ ކުޅޭ ކުޅުންތެރިން ނިސްބަތުން ގިނަ ކަމަށާއި، ޒުވާން ކުޅުންތެރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަކީ އެ އެސޯސިއޭޝަނުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

"
މިހާރު އިންޑޯއެއް ހަދާކަށް ވިހި ތިރީސް އަހަރު ނުނަގާނެ. މިހާރު ޗައިނާ ފަދަ ތަންތަނަށް އޯޑަރު ކޮށްލީމަ ރާވާލާފައި ހުރިގޮތަށް އެބަ ފޮނުވާ.
އަޙްމަދު މުޖުތަބާ - ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް

އެންމެ ފަހުން ތައިލެންޑުގައިވެސް ކޭމްޕްކުރީ ރަނގަޅު ފެންވަރުގެ ވަސީލަތްތަކާއެކު ކަމަށާއި، އެކަން ތަޖުރިބާކުރެވިފަވުމުން ބޭނުންވަނީ އެފަދަ ވަސީލަތްތަކެއް ކަމަށްވެސް މުޖުތަބާ ވަނީ ވިދާޅުވެފައެވެ.