ޚަބަރު

ދުންޔާ މައުމޫން، ސްވިޑްންގެ ޚާރިޖީ ވަޒީރާއި ބައްދަލުކުރައްވައިފި


ޚާރިޖީ ވަޒީރު ދުންޔާ މައުމޫން، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްވިޑްންގެ ޚާރިޖީ ވަޒީރު މާރގޮޓް ވޮލްސްޓްރޮމްއާ ބައްދަލު ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި ރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރ ދުންޔާ ވަނީ ދެޤައުމު ގުޅިގެން މަސައްކަތްކުރާ ދާއިރާތަކަށް އަލިއަޅުއްވާލައްވައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް ދެޤައުމުން ގުޅިގެން ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މާރގޮޓް ވޮލްސްޓްރޮމް ރާއްޖެ ވަޑައިގަތީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އެކަމަނާއަށް އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު އިބްރާހީމްއެވެ. އެކަމަނާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ފުރާވަޑައިގެންނަވާފައެވެ.