ޚަބަރު

ކުރީ ސަރުކާރުތަކަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ނުފެށުނީ އެފަދަ ތަސައްވުރެއް ނެތުމުން: ޚަލީލު


  • ވަސީލަތްތައް ހުރި ނަމަވެސް ކުރިން މިކަން އޮތީ ނުކުރެވިކަމަށް ވިދާޅުވި

  • މިއީ މިކަން ފެށުމަށް ބޮޑު ޚަރަދެއް ހިނގި ކަމެއް ނޫންކަން ފާހަގަކުރެއްވި

ރާއްޖޭގައި ވަސީލަތްތައް ހުރި ނަމަވެސް ކުރީ ސަރުކާރުތަކަށް އެއަރ އެމްބިއުލަންސްގެ ޚިދުމަތް ނުފެށި އޮތީ އެފަދަ ތަސައްވުރެއް ނެތުމުން ކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރ. އަލިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ޚަލީލު ވިދާޅުވީ ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފެށިގެން ދިޔުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިކަން ހާސިލްކުރެވިގެން މި ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މޮޅުކަމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުރިންވެސް މިކަން ކުރެވޭނެ ވަސީލަތްތައް ހުރި ކަމަށާއި މިއީ އެހާ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ރައީސަށް އެންމެ މުހިންމުވަނީ ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދީ، ދިވެހި ރައްޔިތުންގެ ފުރާނަ ސަމާލަތްކޮށް ދެއްވުން ކަމަށް ވަޒީރު ޚަލީލު ވިދާޅުވިއެވެ.

" އެހެންވީމަ އަޅުގަނޑުމެންނަށް އެނގޭ ވިސްނުންތެރި ވެރިއެއް ވަޑައިގެންފީއާ، މިއިން ކޮންމެ ކަމަކީ ރޮކެޓު ސައިންސެއް ނޫންކަން، ވަރަށް ސާދާކޮށް، އާދައިގެކޮށް ވިސްނުން ގެންގުޅެގެންވެސް މިއީ ކުރެވިދާނެ ކަމެއް ކަން،" ޚަލީލު ވިދާޅުވިއެވެ.

ވަޒީރު ޚަލީލު ވިދާޅުވީ ކުރިމަގުގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް އިތުރަށް ތަރައްޤީކުރެއްވުމަށް ރައީސް ނިންމަވާފައިވާކަމަށެވެ.

ޞިއްޙަތާ ބެހޭ ވަޒީރުގެ ވާހަކައިގައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަރައްޤީގެ މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދިޔުމަށް ގެންގުޅުއްވާ ސިޔާސަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް ބޭނުންފުޅުވަނީ ބާރު ދުވެލީގައި މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ކަމަށް ވިދާޅުވިއެވެ.

" އެމަނިކުފާނުގެ މަސައްކަތްޕުޅަށް ބަލާއިރުގައި، ހަޤީގަތުގައި އެމަނިކުފާނުގެ މަސައްކަތްޕުޅު ރާއްވަވާފައި ހުންނަގޮތުން އަޅުގަނޑުމެންނަށްވެސް އެ ސްޕީޑުގައި ދާން އުނދަގޫވޭ، ރައީސް ބޭނުންވަނީ ބާރު ސްޕީޑުގައި އެކަން ކުރަން،" ވަޒީރު ޚަލީލު ވިދާޅުވިއެވެ.

ފާއިތުވި 5 އަހަރުތެރޭގައި ރ. އަލިފުށީގައި ތަރައްޤީގެ އެއްވެސް މަސައްކަތެއް ނިންމާފައިނުވާކަން ފާހަގަކުރައްވާ ވަޒީރުވަނީ މިސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާނީ އެ ދުވެލީގައި ނޫން ކަމުގެ ޔަޤީންކަން ދެއްވާފައެވެ.