ޖެނިވާގައި ކުރިޔަށްދިޔަ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުން އިދިކޮޅު ފަރާތްތައް ވަކިވި ވަކިވުން ދިފާއު ކުރައްވައި އެގައުމުގެ އިދިކޮޅު ލީޑަރެއްކަމަށްވާ ރިޔާޒް ޙިޖާބް ވާހަކަ ދައްކަވައިފިއެވެ.
ރިޔާޒް ޙިޖާބް ވިދާޅުވީ ޖެނީވާގެ ވާހަކަތަކުން ސޫރިޔާގެ އިދިކޮޅު ފަރާތްތައް ވަކިވި ސަބަބުތަކެއް ހުރެގެންކަމަށާ އެއީ ރަނގަޅު ނިންމުމެއްކަމަށެވެ. ތުރުކީވިލާތުގެ ރަށެއްކަމަށްވާ ޣާޒީ އަންތާބުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާޒް ޙިޖާބް ވަނީ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުން ވަކިވުން ދިފާއު ކުރެއްވުމުގެ އިތުރުން އެވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރައްވާ އދ. ގެ މަންދޫބު ސްޓެފަން ޑި މިސްޓޫރާއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާކަލް އާއި ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަދު ދާވުތުލޫއާއެކު ޣާޒީ އަންތާބުގައިވާ ސޫރިޔާގެ ރެފިއުޖީންގެ ބައެއް ފޭލިގެތަކަށް ކުރެއްވި ޒިޔާރަތެއްގައި ރިޔާޒް ޙިޖާބް ވިދާޅުވީ ސުލްހައިގެ ވާހަކަތަކުގައި ޑިމިސްޓޫރާ އަދާކުރެއްވި ދައުރާމެދު ސުވާލު އުފެދޭކަމަށާ އަދި ސޫރިޔާގެ ރައްޔިތުން ތަހައްމަލްކުރާ ވޭންތަކާއި ކެކުޅުންތަކަށް އޭނާ އަޅާލައްވާތަން ފެނިފައިނުވާކަމަށެވެ.
ރިޔާޒް ހިޖާބް ވިދާޅުވީ ސޫރިޔާއަށް ކަނޑައަޅާފައިވާ އދ. ގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޑިމިސްޓޫރާ މަސައްކަތްކުރައްވާތާ ދެއަހަރު ވެފައިވާއިރު މިމުއްދަތުގެ ތެރޭގައި ސޫރިޔާގައި މަރާލެވުނު މީހުންގެ އަދަދު ދެގުނައަށް އިތުރުވެ ޙިސާރުކޮށްފައިވާ ވިލެޖްތަކާއި ސަރަހައްދުތަކުގެ އަދަދު އިތުރުވެފައިވާކަމަށެވެ. މިކަންކަން ހުއްޓުވުމަށް ޑިމިސްޓޫރާއާއި އޭނާގެ ޓީމަށް ކުރެވުނީ ކޮންކަމެއްތޯ ރިޔާޒް ހިޖާބް ސުވާލުކުރެއްވިއެވެ.
ޖެނިވާގައި ކުރިޔަށްދިޔަ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކުން އިދިކޮޅު ފަރާތްތައްވަކިވީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އިޙްތިރާމްނުކޮށް ސޫރިޔާ ސިފައިން އިދިކޮޅު ފަރާތްތަކުގެ އަމާޒުތަކަށް ޙަމަލާތައް ދެމުންގެންދާކަމަށް ތުހުމަތުކުރުމަށްފަހުއެވެ. މީގެ އިތުރުން ސޫރިޔާ ސިފައިންގެ ޙިސާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ކާބޯތަކެއްޗާއި ބޭސް ފޯރުކޮށްދިނުމަށް ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން ހުރަސްއަޅާ ކަމަށްބުނެ މިފަދަ ހާލަތެއްގައި ސުލްޙައިގެ ވާހަކަތައް ކުރިއަށް ނުގެންދެވޭނެތީ ސުލްހައިގެ ވާހަކަތަކުން ވަކިވުމަށް ނިންމީ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.
\ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ މިނިންމުމާއެކު އެގައުމުގެ ސުލްހައިގެ ވާހަކަތައް މުޅިން ހުއްޓިފައިވާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންވެސް ވަނީ ރޫޅިގެންގޮސްފައެވެ. އެހެންކަމުން ޙަމަލާތައް ހުއްޓާލުމުގެ އައު އެއްބަސްވުމެއް ވުޖޫދަށްގެނެސް ސުލްހައިގެ ވާހަކަތައް އަލުން ފެށޭފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުންވަނީ އެމެރިކާއާއި ރަޝިޔާއާ އަދި އދ. އަށް ގޮވާލާފައެވެ.