މުނިފޫހިފިލުވުން

ގްރޭންޑް ފިނާލޭއަށް ޝަލަބީ، އިޝާން އަދި ލައިޝާ ދަތުރުކޮށްފި


މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއަށް ޝަލަބީ ޢިބްރާހީމް، ލައިޝާ ޖުނައިދު އަދި މުޙައްމަދު އިޝާން ދަތުރުކޮށްފިއެވެ.

މޯލްޑިވިއަން އައިޑަލްގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރި ގަދަ 3 ބައިވެރިން އިޢުލާންކޮށްފައި ވަނީ މިރޭ ބޭއްވި އެލިމިނޭޝަން ނައިޓުގެ އެންމެ ފަހު ޝޯވގައެވެ. އެގޮތުން މި މުބާރާތުގެ ގްރޭންޑް ފިނާލޭއަށް ނުދެވި ކަޓައިގެންދިޔަ 2 ބައިވެރިންނަކީ ޢަބްދުﷲ ފާލީޙް އާދަމް އަދި މުޙައްމަދު ޒަލީފް ޢަބްދުﷲ އެވެ. 

img:http://s2.psmnews.mv/images/660x400/14614391532634.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ ގަދަ 5 ގައި ވާދަކުރި ބައިވެރިން / ފޮޓޯ: ޕީ.އެސް.އެމް

މި ހަފްތާގެ ޝޯވއާއެކު މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ފެށި ގާލާ ރައުންޑުގެ ޝޯވތައް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ތާވަލް ކުރެވިފައިވާގޮތުން މި މުބާރާތުގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުގެ ރޭއެވެ. ގްރޭންޑް ފިނާލޭ ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، ގްރޭންޑް ފިނާލޭގެ ތެރެއިންވެސް ބެލުންތެރިނާއި ޚާއްސަ ކަންތައްތަކެއް ފެނިގެންދާނެކަމަށް ޕީ.އެސް.އެމުން ހާމަކުރެއެވެ.

މި މުބާރާތް ހަމަޖެހިފައިވާގޮތުން ކުރިއަށް ހުރި ރައުންޑުތަކަށް ދަތުރުކުރާނެ ބައިވެރިން ހޮވުމުގައި ޖަޖުންނާއި އެއްވަރަށް ބެލުންތެރިންގެވެސް ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން ބައިވެރިންގެ ޖުމްލަ މާކްސް ކަނޑައެޅިގެންދަނީ އެ ބައިވެރިއެއްގެ ހުށައެޅުމަކަށް ޖަޖުންދެއްވާ %50 މާކްސްގެ އިތުރުން، ބެލުންތެރިންގެ %50 ވޯޓާއެކުއެވެ. އެސް.އެމް.އެސް މެދުވެރިކޮށް ގާލާ ރައުންޑުގެ ޝޯވތަކަށް ބެލުންތެރިންނަށް ވޯޓުދިނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

img:http://s2.psmnews.mv/images/660x400/14614392095081.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 1 ގެ އޮފިޝަލް މިއުޒިކް ބޭންޑް "ޕާމް ޓޯންސް" / ފޮޓޯ: ޕީ.އެސް.އެމް

"ޕާމް ޓޯންސް"ގެ ހިތްގައިމު މިއުޒިކާއެކު މިރޭގެ އެލިމިނޭޝަން ނައިޓުގައިވެސް ބެލުންތެރިންނަށް މޯލްޑިވިއަން އައިޑަލްގެ ގަދަ 5 ގައި ވާދަކުރި ބައިވެރިންގެ ހުށައެޅުންތައް ފެނިގެންގޮސްފައިވާއިރު، މިރޭގެ ޝޯވގައި ގެސްޓް ޖަޖެއްގެ ގޮތުގައި މަޝްޙޫރު ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ ވަނީ ފެނިގެންގޮސްފައެވެ.