ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދެކުނާއި މެދު ރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކުރޭނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.
ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށްވަނީ ހުދު ސަމާލު ނެރެފައެވެ. ސަމާލު ނެރެފައިވަނީ 12:30 އަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިރުއުތުރާއި އިރުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.