ޚަބަރު

ހުޅަނގު އައްސޭރިން 263 ހެކްޓަރުގެ ބިން ޔަހޫދީން ފޭރިގަނެފި


ޔަހޫދީން އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންދާ ފަލަަސްޠީނުގެ މުސްލިމުންގެ ބިންތަކުން އިތުރު 263 ހެކްޓަރުގެ ބިން ފޭރިގަނެފިއެވެ. ޔަހޫދީން ފޭރިގަނެފައި ވަނީ ހުޅަނގު އައްސޭރީގެ ބިންތަކެކެވެ. ބައިތުލްމަޤްދިސްގެ އިރުން އޮތް އެ ބިމަކީ, ޔަހޫދީން ވަޒަންވެރި ކުރުވާފައިވާ މާލޭ އަދުމިންގެ ބަޔެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.

ހުޅަނގު އައްސޭރީގެ ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ން ބުނީ އެއީ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކާ ބައިތުލްމަޤްދިސް ވަކި ކުރަން ޔަހޫދީން ހިންގާފައިވާ އަމަލެއް ކަމުގައެވެ. އަދި, ފަލަސްޠީނުގެ މިިނިވަން ދަޢުލަތެއް ޤާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމުގައެވެ.

"ޔަހޫދީން އެ ދަނީ ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރަމުން. ބައިނަލްއަޤުވާމީ އިދާރާތަކުގެ ޤަރާރުތަކަށް ގޮން ޖަހަމުން. ފަލަސްޠީނުގެ ބިންތައް ފޭރިގަނެ, އެ ތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަކީ ބައިނަލްއަޤުވާމީ [އދ]ގެ ޤަރާރުތަކާ ޚިލާފު އަމަލެއް. އޭގެ ތެރޭގައި އިރުމަތީ ބައިތުލްމަޤްދިސް ހިމެނޭ،" ޕީއޭގެ ރައީސް މަޙްމޫދު އައްބާސްގެ ތަރުޖަމާނު ނަބީލް އަބޫ ރުދަޔިނާ ވިދާޅުވިއެވެ.

ހުޅަނގު އައްސޭރިއަކީ 1967 ވަނަ އަހަރުގެ ތެރޭގައި ކުރި މެދުއިރުމަތީގެ ހަނގުރާމައިގައި ޔަހޫދީން އަތްގަދަކޮށް, އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ބިމެކެވެ. އެ ބިމުގައި ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ކަނޑައެޅުމަށް ފަލަސްޠީނުގެ މުސްލިމުން ދަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެއްބާރުލުމާއި އެހީތެރިކަމާ އެކު މަސައްކަތް ކުރަމުންނެވެ. ނަމަވެސް, ޔަހޫދީން ދަނީ އެ ކަމަށް ހުރަސް އަޅަމުންނެވެ.

ޔަހޫދީން ވެރިވެގަނެފައިވާ މުސްލިމުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުން އިތުރު ކުރުމަށް ޖައްބާރު ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އެޅި ޔަހޫދީންގެ ސިޔާސީ ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް, އެއީ ޔަހޫދީންގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އެމެރިކާއިން ވެސް ރުހޭ ކަމެއް ނޫނެވެ.

ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވެސް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވަނީ އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ޢަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ނަމަވެސް, އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި, އެ ކަމަށް ހިތްވަރު ދީފައިވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ފަލަސްޠީނުގެ ބިންތައް ފޭރިގަނެ, އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުމުގެ މަސައްކަތް ޔަހޫދީން ކުރި ނަމަވެސް އެ ކަން ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ފަލަސްޠީނުގެ ބިންތައް ފޭރިގަތުމާ އެމެރިކާއިން ފާޅުގައި ދެކޮޅު ހެދި ނަމަވެސް, އެ ކަން ހުއްޓުވަން އެމެރިކާއިން ވެސް އެެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެއިން ދޭހަކޮށްދެނީ, ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ކޮންމެ ފަދަ ކަމެއް ކުރި ނަމަވެސް, ކޮންމެ ފަދަ އަނިޔާތަކެއް ދިން ނަމަވެސް, އެ ކަން ހުއްޓުވަން ބައިނަލްއަޤުވާމީ މުޖުތަމަޢުން އިނގިލިކުރި ވެސް ހިއްލައިނުލާނެ ކަމެވެ.