 
										
			މަކަރާއި ހީލަތްހެދުމުގެ ކުށުގައި އުމުރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންފައިވާކަމަށާއި، އޭނާ ރާއްޖެގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
 
ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވުމަށްފަހު އިނގެރޭސި ވިލާތަށް ވަޑައިގެންފައިވަނީ ކިހިނެތްކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
 
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންފައިވަނީ އިމިގްރޭޝަނުން ދޫކުރެއްވި ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ. އިމިގްރޭޝަނުން ދެއްވި ވަގުތީ ލިޔެކިއުމުގައި ސިންގަޕޫރު ނޫން އެހެން ޤައުމަކަށް ދަތުރު ނުކުރެވޭކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
 
ޕީ.އެސް.އެމަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ނާޒިމް އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާކަމަށެވެ. ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގެންފައިވޭތޯ ބެއްލެވުމަށް ކަރެކްޝަނަލް ސަރވިސްއިން ކުރިން ވަނީ އިމިގްރޭޝަނަށް ސިޓީއެއް ފޮނުއްވާފައެވެ.
 
ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން ޢުމުރުދުވަހުގެ ޖަލުޙުކުމެއް އިއްވަވާފައިވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް ދިދަތަކެއް ގަތުމަށް ނާޒިމްގެ ކުންފުންޏަޔާކާއެކު ކުރި މުޢާމަލާތެއްގައި މަކަރާއި ހީލަތް ހެދިކަމުގެ ކުށް ސާބިތުވުމުނެވެ.