ސިއްހަތު

ޑެންގީ ކޮންޓްރޯލްކުރުމާބެހޭ މަޝްވަރާ ބައްދަލުވުމެއް ފަށައިފި


ޑަބްލިއު އެޗް އޯއިން، ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގައި ޑެންގީ ކޮންޓްރޯލްކުރުމާބެހޭ މަޝްވަރާ ބައްދަލުވުމެއް ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ފަށައިފިއެވެ.

މި ބައްދަލުވުމަކީ މި ސަރަޙައްދުގެ ޤައުމުތަކުގައި ސަރަޙައްދީ ފެންވަރެއްގައި ޑެންގީ ކޮންޓްރޯލް ކުރުމަށާއި، ޑެންގީ ފެތުރިދާނެ ޙާލަތުތަކަށް ތައްޔާރުވުމުގެ އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ. ދެދުވަހުގެ މިބައްދަލުވުމުގައި ދެކުނު އޭޝިއާ ރީޖަންގައި ހިމެނޭ 11 ޤައުމަކުން ބައިވެރިވެއެވެ.

ޑެންގީއަކީ މިހާރު ދުނިޔޭގެ އެންމެ ހަލުވު މިނެއްގައި މަދިރީގެ ޒަރީޔާއިން ފެތުރެމުން އަންނަ އެއްބައްޔެވެ. އަދި ފާއިތުވި ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި މި ބަލި ފެތުރޭ މިންވަރު ތިރީސްގުނަ އިތުރުވެފައިވާކަމަށް ޑަބްލިއު.އެޗް.އޯ.އިން ހާމަކުރެއެވެ. ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ފެށި، ޑަބްލިއު.އެޗް.އޯގެ ދެކުނު އޭޝިއާ ސަރަޙައްދުގެ ހިމެނޭ ޤައުމުތަކުގައި ޑެންގީ ކޮންޓްރޯލްކުރުމާބެހޭ މަޝްވަރާ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ބަލިތަކުން ރައްކާތެރިވެ ތިބުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގައި ވަކިވަކިން ހުންނަ ރައްތަކަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވަރަށް އަގުބޮޑު މަސައްކަތެއް ކަމަށާއި، ބަލި މީހުންނަށް ފަރުވާ ދިނުމުގައި ގޮންޖެހުންތަކެއް ދިމާވާކަމަށެވެ. އަދި ޑެންގީ ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ޤައުމީ ފެންވަރުގައި ކުރަމުންދާއިރު މިކަމުގައި ފަރުދީ ފެންވަރުގައި މަސައްކަތްތަކެއްވެސް ކުރެވެން ޖެހޭކަމަށެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ ހިމެނޭ ޤައުމުތަކުގައި ޑެންގީ ކޮންޓްރޯލް ކުރުމާބެހޭ މަޝްވަރާ ބައްދަލުވުމުގައި، ޤައުމުތަކުން ޑެންގީ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެކަމާބެހޭ ކަރުދާސް ހުށަހަޅެމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގައި ޑެންގީ ކޮންޓްރޯލް ކުރުމަށްޓަކައި ކުރަން ރާވާފައި ހުރިކަންތައްތަކާއި، ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅެމަށް ހަމަޖެހިފައިވެއެވެ. އަދި މި ކަރުދަސްތަކާއި ޕްރެޒެންޓޭޝަންތަކަށް ބެލުމަށްފަހު ޑެންގޫ ކޮންޓްރޯލް ކުރުމަށް ހަދާފައިވާ އެކްޝަން ޕްލޭންގެ ދެލިކޮޕީއަށް ކަންތައް ހުށަހެޅި އިސްލާހުތަކެއް ގެނެވޭނެކަމަށް ޑަބްލިއު އެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕަޓުއަރ ޑރ. މުޙައްމަދު ޖަމްޝީދު އަޙުމަދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެކްޝަން ޕްލޭންގެ ދެލިކޮޕީ ފައިނަލް ކުރުމަށްފަހު މިމަހުގެ 27 އަދި 28 ވަނަ ދުވަހު މިކަމާ ގުޅޭ އިތުރު ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމަށް މި ދެލިކޮޕީ ހުށަހެޅިގެންދާނެކަމަށް ޑރ. ޖަމްޝީދު ވިދާޅުވިއެވެ. އަދި ޑެންގީ ކޮންޓްރޯލްކުރުމަށް ކުރެވޭނެ ކަންތަކާ މަޝްވަރާކޮށް، އެކަމަށް އަވަށް ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކުރާކަމަށް ޑރ. ޖަމްޝީދު ވިދާޅުވިއެވެ.