ޚަބަރު

އެމެރިކާއާއި ކެނެޑާއިން ވައިގެ މަގުން ޣައްޒާއަށް އެހީ ފޯރުކޮށްދޭން ތައްޔާރު ވަނީ


ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހި ކާބޯތަކެއްޗާއި އިންސާނީ އެހީއަށް ބޭނުންވާ މީހުންނަށް ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދިނުމާ މެދު އެމެރިކާ ސަރުކާރުން ވިސްނަމުންދާ ކަމަށް އެމެރިކާގެ ނޫސްތަކުން ބުނެފިއެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޯސުން ބުނީ އަސްކަރީ މަތިންދާބޯޓުތައް ބޭނުން ކޮށްގެން ވައިގެ މަގުން ޣައްޒާއަށް އެހީގެ ސާމާނު ފޮނުވުމާ ގުޅޭ ގޮތުން އެމެރިކާ ސަރުކާރުން ވިސްނަމުން ދަނީ އެއްގަމު މަގުން ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމަށް ހުރި ހުރަސްތަކާ ގުޅިގެން ކަމުގައެވެ.

އުރުދުނުން މިހާރު ވެސް ދަނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ވައިގެ މަގުން އިންސާނީ އެހީތެރިކަން ފޯރު ކޮށްދޭން މަސައްކަތް ކުރަމުންނެވެ. އުރުދުންނާ ގުޅިގެން ކެނެޑާއިން ވެސް ވަނީ ޣައްޒާއަށް ވައިގެ މަގުން ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ނިންމާފައެވެ. ކެނެޑާގެ ބައިނަލްއަޤުވާމީ ތަރައްޤީއާ ބެހޭ ވަޒީރު އަޙްމަދު ޙުސައިން ވަނީ އެ ކަން ކަށަވަރު ކޮށްދެއްވާފައެވެ. ޙުސައިން ވިދާޅުވީ މިހާރު ވެސް ވައިގެ މަގުން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކުގައި ބައިވެރިވުމަށް ކެނެޑާގެ ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. އޮކްޓޫބަރު 7ގައި ޔަހޫދީންގެ ޢުދުވާންތައް ފެށި ފަހުން ޣައްޒާގެ މުސްލިމުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ކެނެޑާއިން މިހާތަނަށް 74 މިލިޔަން އެމެރިކާ ޑޮލަރު ހޭދަ ކޮށްފައިވެއެވެ.

ވައިގެ މަގުން ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން މުހިންމުވާ ސަބަބުތައް ގިނައެވެ. އެއް ކަމަކީ ޣައްޒާއަށް އެއްގަމު މަގުން އެހީގެ ސާމާނު ވެއްދުމަށް ޔަހޫދީން ހުރަސް އަޅަމުން ދިޔުމެވެ. އެހީގެ ސާމާނު ބަރުކޮށްފައިވާ އުޅަނދުފަހަރު ސަރަޙައްދީ ރޮނގު ހުރަސްކޮށް ޣައްޒާއަށް ވަނުމަށް ޔަހޫދީން ހުއްދަ ނުދިނުމެވެ.

އަނެއް ސަބަބަކީ ޔަހޫދީންގެ ލާއިންސާނީ ޢުދުވާނުގައި ޣައްޒާގެ މަގުތަކާއި ޢިމާރާތްތައް ސުންނާފަތި ކޮށްލާފައިވުމެވެ. އެ ކަމާ ގުޅިގެން އެހީއާ އެކު ދަތުރުކުރާ އުޅަނދުފަހަރަށް ހާލުގައި ޖެހިފައިވާ މީހުުން ތިބި ހިސާބުތަކަށް ދިޔުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ތެރެއިން 576,000 މީހުން މި ވަގުތު ބަނޑުފުރާނު މުއްތި ކުރެވޭނެ ގޮތެއް ނެތް ކަމަށާއި ހައިހޫނު ކަމުގައި އެ މީހުންގެ ފުރާނަ ގެއްލުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި އދން ބުނެއެވެ. އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އދގެ އިދާރާއިން ބުނީ ޣައްޒާއިން ކާބޯތަކެތި ހުސްވަމުންދާ ކަމަށާއި ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއިން އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުން ދިޔުމެވެ.

އެ ކަމާ ގުޅޭ ގޮތުން އދގެ މާހިރެއް ކަމުގައި މައިކަލް ފަޚްރީ ވިދާޅުވީ ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީން ގަސްދުގައި ހުރަސް އަަޅަމުންދާ ކަމުގައެވެ. އަދި ބަނޑުފުރާނަ މުއްތި ކުރުމުގެ ޙައްޤުން ޣައްޒާގެ ރައްޔިތުން މަހުރޫމު ކުރުވަމުންދާ ކަމުގައެވެ. އެއީ "ހަނގުރާމައިގެ ކުށެއް ކަން ވަރަށް ސާފު" ކަމުގައި އޭނާ ވިދާޅުވިއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަަދަދު ވަނީ 30,000އަށް އުފުލިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި ޒަަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 70,000އަށް އަރައެވެ.