ޚަބަރު

ކ. ހުރާގައި ހިނަވާގެއެއް އަޅަނީ


މިއަހަރު ނިމުމުގެ ކުރިން ކ ހުރާގައި މީހުން ހިނެވުމަށްޓަކައި ހިނަވާގެ އެއްް އެޅުމުގެ މަސައްކަތް ފައްޓަވާނެކަމަށް ހުރާ ކައުންސިލުން ވިދާޅުވެއްޖެއެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހުރާ ކައުންސިލްގެ ރައީސް އިސާ އަޙުމަދު ވިދާޅުވީ، މީހުން ވަޅުލުމަށްޓަކައި މިހާރު ބޭނުން ކުރަމުންދާ ސަހަރާގެ ދަތިކަމެއް ނެތްކަމަށާއި، އެހެން ނަމަވެސް މީހަކު މަރުވެއްޖެނަމަ ހިނަވާ ގެއެއް ނެތުމުގެ މައްސަލަ ދިމާވާކަމަށެވެ. އަދި ހިނަަވާގެ އެޅުމަށްޓަކައި ދައުލަތުން ފަރާތުން އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ސަހަރާގަ ދަތިކަން ފާހަގައެއްނުކުރެވޭ. އެހެންނަމަވެސް ރަށުގައި މީހަކު މަރުވެއްޖެނަމަ ހިނެއުމަކީ ވަރަށް އުދަގޫކަމެއް ހިނަވާ ގެއެއް ނެތުމުން ވަރަށް ދަތިތަކާއި ކުރިމަތިލާންޖެހޭ" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ކ. ހުރާގައި ރަޖިސްޓްރީވެފައިވާ މީހުންގެ ޖުމްލަ އަދަދަކީ 1005 މީހުންކަމަށް ދެއްކިނަމަވެސް، އެރަށުގައި މިވަގުތު 2500 އަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާކަމަށް ހުރާ ކައުންސިލުން ވިދާޅުވެއެވެ.