ލޯނު ނަގައިގެން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން މިފަހަރު ހުޅުވާލަފައިވަނީ 500 ފުރުޞަތެވެ.
މި ލޯނުގެ ފުރުޞަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުޅުވާލައްވާ ފުރަތަމަ ސްޓޫޑެންޓް ލޯނެވެ. ލޯނަށް އެދުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި އަންނަމަހުގެ 22 ވަނަ ދުވަހުގެ ކުރިން ހުށައަޅާ އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު ރަނގަޅުކޮށް އަލުން ހުށައެޅުމުގެ ފުރުޞަތުދެއްވާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ލޯން ސްކީމާ ގުޅޭގޮތުން މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ވިދާޅުވީ މިލޯން ސްކީމްގެ ދަށުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ 500 ފުރުޞަތު ހުޅުވާލައްވާފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ ލޯނު ސްކީމްގެ ދަށުން އެ ކުއްޖަކު ބޭނުން ޤައުމަކަށް ކިޔަވަންދެވޭނެކަމަށާއި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތު ދެނީ ރާއްޖެއަށް އެންމެ ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްގެންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ހިމެނޭގޮތަށް އިމާރާތް ކުރުމުގެ ދާއިރާއާއި އޭވިއޭޝަންގެ ދާއިރާއާއި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ޤައުމަށް ކޮންމެހެން ބޭނުންވާ ދާއިރާތަކަށް ޚާއްސަކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިފަހަރުގެ ލޯން ސްކީމްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްފައިވާނެ ކަމަށާއި އެކުދިންގެ ހާލަތަށް ރިޢާޔަތްކޮށް ކޯސް ފުރިހަމަ ކުރުމަށް ބޭނުންވާ ޚަރަދުތައް ދިނުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރުވެސް ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ޚަރަދުތައް ކުރުމަށްވެސް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދެއްވާނެކަމަށާއި ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުންވެސް އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދެވޭނެކަމަށެވެ.
" މި ފަސް އަހަރަށް ބަހާލައިގެން މީހުން ބިނާ ކުރުމުގެ ވަރަށް ފުޅާ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ނިންމަވާފައިވޭ. ސަރުކާރުގެ ސިޔާސަތުގެ ދަށުން އިޤްތިޞާދު އާރޯ ކުރެވޭ ޚާއްސަ ދާއިރާތަކުން މީހުން ބިނާ ކުރުމަށް އިސްކަންދޭނެ. ދިވެހިން މަދު ފަންނީ ދާއިރާތަކުން ތަމްރީން ދިނުމަށް ފުރުޞަތުތައް ދިނުމަށް ނިންމާފައިވާނެ" މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުޞަތު ޚާއްސަކޮށްފައިވެއެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 130 ފުރުޞަތެވެ.
މީގެ އިތުރުން މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދިނުމަށް ވެސް ނިންމާފައިވެއެވެ. އެގޮތުން މި ލޯނު ސްކީމުގެ ދަށުން ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާއަށް ވުރެ ބޮޑުނުވާ އަދަދަކަށްކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވަނީ ރާއްޖޭގެ ޔުނިވަރސިޓީއެއް ނުވަތަ ކޮލެޖެއް ނުވަތަ މޯލްޑިވްސް ޕޮލިޓެކްނިކްގައި ވަޒީފާ އަދާކުރުމަށް ޑޮކްޓޯރަލް ސްޓަޑީސް ލެވެލްގެ ޕްރޮގްރާމެއް ކިޔެވުމަށްވެސް ހުޅުވާލާފައެވެ. މިފުރުސަތުގެ ދަށުން ދަރިވަރުން ހޮވާނީ މެރިޓް އުސޫލުންނެވެ. އަދި ކޮންމެ މަރުކަޒަކަށް ގިނަ ވެގެން ދެވޭނީ އެއް ފުރުޞަތުކަމަށްވެސް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.