ޚަބަރު

މިއަދަކީ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްސްގެ ދުވަސް


މިއަދަކީ، ދުނިޔޭގެ ފޮތާއި ކޮޕީރައިޓްސްގެ ދުވަހެވެ. ފޮތާއި ކޮޕީރައިޓްސްގެ ދުވަސް ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުތަކުގައި ފާހަގަކުރެއެވެ. މިދުވަސް ރާއްޖޭގައި ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނާއި ދިވެހިބަހުގެ އެކަޑަމީއާއި ޤައުމީ ކުތުބުހާނާ ގުޅިގެން ފޮތް ކިއުމުގެ މައުރަޒެއް ކުރިޔަށް އެބަގެންދަވައެވެ. މި މައުރަޒު ކުރިޔަށް ދާނީ، މިއަދު ހަވީރު 6 ޖަހަންދެން، ކުރީގެ ދަރުމަވަންތަ ސްކޫލުގެ ހޯލުގައެވެ. މައުރަޒަށް ޒިޔާރަތް ކުރާ ފަރާތްތަކަށް މިއަދު ހަވީރު 4 ން ފެށިގެން 6 ޖަހަންދެން ލިޔުންތެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މައުރަޒު އިންތިޒާމް ކުރާފާރާތުން މަޢުލޫމާތުދެއެވެ. މި މައުރަޒުގައި ދިވެހި ބަހުގެ އެކަޑަމީގެ ފޮތްތަކާއި ޤައުމީ ކުތުބުހާނާގެ ފޮތްތަކުގެ އިތުރުން މައުރަޒުގައި ބައިވެރިވާ ލިޔުންތެރިންގެ ފޮތްތަށް ހުންނާނެކަމަށް ދިވެހި ބަހުގެ އެކަޑަމީން މަޢުލޫމާތުދެއެވެ.

މި މައުރަޒު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ޑރ. އަބުދުއްސައްތާރު ޔޫސުފް ވިދާޅުވީ މައުލޫމާތުގެ ސަބަބުން އިންސާނިއްޔަތުކަން ދެމެހެއްޓިގެންދާނެ ކަމަށެވެ. އަދި ފޮތަކީ ސޯސެއް ކަމަށާއި އަންނަން އޮތް ޖީލުތަކަށް ފޮތްތަކާއި އޭގެ މަޢުލޫމާތު ފޯރުކޮށްދޭންޖޭހެނެ ކަމަށެވެ. ފޮތް ކިއުމުގެ މުހިންމުކަމާއި ކޮޕީރައިޓްސްގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާ ޑރ އަބުދުއްސައްތާރު ޔޫސުފް ވާހަކަދައްކަވާފައިވެއެވެ.

މި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ރާއްޖޭގައި ފޮތް ކިއުމުގެ ސަގާފަތެއް ނެތްކަމަށާއި ފޮތް ކިއުމުގެ ސަގާފަތް އާލާކުރަން ޖެހޭކަމަށެވެ. ދުނިޔޭގެ ފޮތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޤައުމީ ކުތުބުހާނާއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ ފޮތް ޑިސްޕްލޭ ހެދުމުގެ މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް މި ހަފްލާގައި ހަދާނީލިޔުން ދިފައިވެއެވެ. މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނާއި ދިވެހިބަހުގެ އެކަޑަމީއާއި ޤައުމީ ކުތުބުހާނާ ގުޅިގެން ބޭއްވި މި ފޮތް މައުރަޒުގެ މަޤުސަދަކީ ފޮތް ކިއުމަށް ޝައުގުވެރިކަން އުފައްދާ ފޮތް ކިއުމުގެ ސަޤާފަތް ދެމެހެއްޓުމެވެ. މި މައުރަޒުގައި އާއްމު ގޮތެއްގައި ފޮތް ވިއްކަން ހުންނަ އަގަށްވުރެ ހެޔޮ އަގުގައި ފޮތް ގަންނަން ލިބެން ހުންނާނެކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއެވެ.