ޚަބަރު

ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


  • ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުން

  • އިތުރު އެއަރލައިންތަކުންވެސް ވަނީ ދަތުރުތައް ފަށާފައި

ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިންކަމަށްވާ ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށާފައި މިވަނީ ކޯވިޑާއި ގުޅިގެން އެ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހުއެވެ.

ޗައިނާ އީސްޓަން އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުން ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން އެއަރޕޯޓަށް މިރޭ ޖެއްސި ޗައިނާ އީސްޓަން އެއަރލައިންގެ މަތިންދާބޯޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓަރ ސެލިއުޓެއް އެރުވުން އޮތެވެ.

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ވަންގ ލިޒިންއާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޗައިނާއަކީ ކޯވިޑްގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަމުންދިޔަ ގައުމުނަމަވެސް ކޯވިޑްގެ ތެރޭގައި ޗައިނާގެ ފަތުރުވެރިންގެ އަދަދު ދަަށަށް ދިޔަޢެވެ. ނަމަވެސް އޭގެ ފަހުން އެ ގައުމުން ރާއްޖެއަށް އަލުން ދަތުރުތައް ފެށުމާއެކު އަނެއްކާވެސް އެ ގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ޗައިނާއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ވަނީ ފަތުރުވެރިކަމުގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ. އެ މަޝްވަރާގެ ތެރެއިން ވަނީ ރާއްޖެ އަންނަ ޗައިނާގެ އެއަރލައިންތަކުގެ އަދަދު އިތުރުކޮށް، ޗައިނާގެ ވީހާވެސް ގިނަ މަންޒިލްތަކަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް މަޝްވަރާކުރައްވާފައެވެ. ޗައިނާ އީސްޓަންގެ ދަތުރުތައްވެސް ފަށާފައި މިވަނީ ރައީސުލްޖުމްހުރިއްޔާ ބޭއްވެވި މަޝްވަރާގެ ތެރެއިންނެވެ.

ޗައިނާ އީސްޓަން އެއަރލައިންގެ އިތުރުން، އެ ގައުމުގެ އެހެން ބައެއް އެއަރލައިންތަކުންވެސް ދަނީ ރާއްޖެއަށް މިހާރު ދަތުރުތައް ބާއްވަމުންނެވެ..