ޚަބަރު

ރާއްޖޭގެ ތަރައްޤީގައި ސްރީލަންކާގެ މަސައްކަތްތެރިންގެ ދައުރު ބޮޑު: ނައިބު ރައީސް


  • ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާއަށް ބެލިޔަސް ގިނަ ސްރީލަންކާގެ މަސައްކަތްތެރިން އެބަތިބި

  • އެތައް ސަތޭކަ ޒުވާނުންގެ ދެވަނަ ގެދޮރަށް ވެފައިވަނީ ސްރީލަންކާ

  • ރާއްޖެއާއި ސްރީލަންކާގެ ގުޅުން ކުރިއަށް އޮތްތަނުގައިވެސް ބަދަހިވެގެންދާނެ

ރާއްޖޭގެ ތަރައްގީގައި ލަންކާގެ މަސައްކަތްތެރިންގެ ދައުރު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ 76 ވަނަ މިނިވަންދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވަނީ ރާއްޖެއާއި ސްރީލަންކާއަށް މިނިވަންކަން ލިބުމުގެ މާކުރިންވެސް ދެޤައުމުގެ ދެމެދުގައި ގާތް ގުޅުމެއް އޮތްކަން ފާހަގަކުރައްވާފައެވެ. ވިޔަފާރީގެ އިތުރުން ތަޢުލީމާއި ސިއްޙީ ދާއިރާއަށް ބަލާއިރުވެސް ރާއްޖޭގެ ތަރައްޤީގައި މުހިއްމު ދައުރެއް ސްރީލަންކާއިން އަދާކުރާކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

"މިނިވަންކަމުގެ އެތައް ދުވަހެއް ކުރިއަށް ޖެހިލާއިރުވެސް ރާއްޖެއާއި ސްރީލަންކާގެ ރައްޔިތުންގެ ގުޅުން އޮތީ ވަރުގަދަކޮށް. ރާއްޖޭގެ އެކި ދާއިރާތަކަށް ބަލާއިރު ސްރީލަންކާގެ މަސައްކަތްތެރިންގެ ހިއްސާބޮޑު." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ސްރީލަންކާއިން ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އެތައް ސަތޭކަ ދިވެހިންނެއް މަތީ ތަޢުލީމު ޙާސިލްކުރުމަށް ސްރީލަންކާއަށް ގޮސްފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރަމުންދާ ސްރީލަންކާގެ މުދައްރިސުންގެ ދައުރުވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް މަޒްނަވީ ޖައުފަރު ސާދިގު ވިދާޅުވީ އެތައް ޖީލެއް ކުރިއަށް ޖެހިލާއިރު ދިވެހީންގެ ކާބައިން ސްރީލަންކާއާ ޢާއިލީގޮތުންވެސް ގުޅިފައިވާކަމަށެވެ. އަދި ސިޔާސީގޮތުން ދެޤައުމުގެ ދެމެދުގައި ގުޅުން ޤާއިމުވިފަހުން އެކި ގޮތްގޮތުން ދެޤައުމަށް ފައިދާވާ އެކިކަންކަން ކުރެވިފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

"ރާއްޖެއާއި ސްރީލަންކާއާއި ދެމެދު އޮތް ގުޅުން ވޭތުވެދިޔަ ދުވަސްތަކުގައިވަނީ ވަރަށް ބޮޑަށް ގާތްވެފައި. އަދި ދެޤައުމުގެ ސަރުކާރުން މިހާރުވެސް މަސައްކަތް ކުރަމުންދަނީ ގުޅިގެން ކުރިއަށްދެވޭނެ ދާއިރާތައް ބަލާ އެދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމަށް." ސަފީރު ވިދާޅުވިއެވެ.

ސްރީލަންކާގެ 76 ވަނަ މިނިވަންދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ޚާރިޖީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ސްރީލަންކާގެ މިނިވަން ދުވަހަކީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހެވެ. އަދި ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 26 ޖުލައި 1965 ވަނަ އަހަރުގައެވެ.