ޚަބަރު

ޣައްޒާ ޢުދުވާން ހުއްޓުވުމާ ގުޅޭ އެއްބަސްވުމުގެ ދެލިކޮޕީ ޙަމާސުން ދިރާސާ ކުރަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުކަނޑައިލާ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން އެކުލަވައިލާފައިވާ އައު އެއްބަސްވުމުގެ ދެލިކޮޕީ ޙަމާސް ޖަމާޢަތުން ދިރާސާކުރަން ފަށައިފިއެވެ. އައު އެއްބަސްވުމެއްގެ ދެލިކޮޕީ އެކުލަވައިލާފައި ވަނީ ޤަޠަރާއި މިޞްރުން އިސްވެ ފަރަންސޭސިވިލާތުގެ ޕެރިހުގައި ބޭއްވި މަޝްވަރާތަކުގައެވެ. އެ މަޝްވަރާތަކުގައި އެމެރިކާއާއި ޔަހޫދީން ވެސް ބައިވެރިވިއެވެ.

އައު އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ, މުސްލިމުންގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ޢުދުވާންތައް ހުއްޓައިލަން ޔަހޫދީ ފައުޖުން އެއްބަސްވާނެ ކަމުގައެވެ. ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބީތަކެއް ހޯދިފައިވާ ކަމުގައި ބައިޑަން ވިދާޅުވި ނަމަވެސް އެ ދެ ފަރާތުން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޙަމާސުން މިހާރު ދިރާސާ ކުރަމުންދާ އެއްބަސްވުމުގެ ދެލިކޮޕީގައި އޮތީ އެއްބަސްވުމުގެ ފުރަތަމަ ފޭސްގެ ދަށުން 40 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށެވެ. އަދި, އަސީރުން މިނިވަން ކުރުމުގެ މަސައްކަތް ޙަމާސުން ފެށުމަށެވެ. އެއްބަސްވުމުގައިވާ ގޮތުން, ޙަމާސުން މިނިވަން ކުރާ ކޮންމެ އަސީރެއްގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރު ކޮށްފައި ތިބި ފަލަސްޠީނުގެ ޢާންމުންގެ ތެރެއިން 10 މީހުން މިނިވަން ކުރަން ޖެހޭނެއެވެ.

އެއްބަސްވުމުގެ ދެލިކޮޕީގައިވާ ގޮތުން, އަސީރުންގެ ތެރޭގައި ހިމެނޭ ހުރިހާ އަންހެނުންނާއި, އުމުރުން 19 އަހަރުން ދަށުގެ ކުދިންގެ އިތުރުން 50 އަހަރުން މަތީގެ މީހުންނާއި ބަލި މީހުން ޙަމާސުން ދޫކޮށްލަން ޖެހޭނެއެވެ. އެ މީހުންގެ ބަދަލުގައި ޔަހޫދީންގެ ފަލަސްޠީނުގެ 400 އެއްހާ މީހުން މިނިވަން ކުރަން ޖެހޭނެއެވެ.

މީގެ އިތުރުން, ޣައްޒާގެ އުތުރުގެ ރަށްތަކުގެ ރައްޔިތުންނަށް އެ މީހުންގެ ގެދޮރަށް އެނބުރި ދިޔުމުގެ ފުރުޞަތު ދިނުމަށާއި, ފަލަސްޠީނުގެ ޢާންމު ރައްޔިތުން ދިރިއުޅޭ ސަރަޙައްދުތަކުން ޔަހޫދީ ސިފައިން ބޭލުމަށް ވެސް އެއްބަސްވުމުގެ ދެލިކޮޕީގައި ހިމަނާފައިވެއެވެ. އަދި, ކޮންމެ ދުވަހަކު 8 ގަޑިއިރުގެ މުއްދަތަކަށް ޔަހޫދީ ފައުޖުން ހިންގާ ޖާސޫސީ ޙަރަކާތްތައް ހުއްޓައިލަން ޖެހޭނެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ލާއިންސާނީ ޢުދުވާންތަކާ އެކު ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކުރަން ހުރަސް އަޅާފައެވެ. ނަމަވެސް, އެއްބަސްވުމުގެ ދެލިކޮޕީގެ ދަށުން ދުވާލަތު 500 ލޮރީގެ ކާބޯތަކެއްޗާއި އެހީގެ ސާމާނު ޣައްޒާއަށް އެތެރެ ކުރުމަށް ޔަހޫދީން ފުރުޞަތު ދޭން ޖެހޭނެެއެވެ. އަދި, ޣައްޒާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ބޭނުންވާ 200,000 ޓެންޓާއި 60,000 ގާޑިޔާ ފޯރު ކޮށްދޭން ޖެހޭނެއެވެ.

ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ ހުރިހާ ހަސްފަތާލަކާއި ޞިއްޙީ މަރުކަޒުތައް ވެސް ވަނީ ސުންނާފަތި ކޮށްލާފައެވެ. ނަމަވެސް, އެއްބަސްވުމުގެ ދެލިކޮޕީގައިވާ ގޮތުން, އެ ތަންތަނަށް ބޭނުންވާ ބޭހާއި ޞިއްޙީ ފަރުވާގެ ސާމާނު ފޯރު ކޮށްދިނުުގެ އިތުރުން, އެ ތަންތަނުގައި ޞިއްޙީ ފަރުވާ ދިނުމުގެ މަސައްކަތް އަލުން ފެށުމަށް ޔަހޫދީން ފުރުޞަތު ދޭން ޖެހޭނެއެވެ. އަދި, ޣައްޒާގައި ހިންގާ ބޭކަރީތައް ހިންގުމުގެ ފުރުޞަތު ފަހިކޮށްދޭން ޖެހޭނެއެވެ.

މީގެ އިތުރުން, ސުންނާފަތި ކޮށްލާފައިވާ ޢިމާރާތްތަކުން ކޮންކުރިޓާއި ގައުކުނޑި ސާފު ކުރުމަށް ބޭނުންވާ އުޅަނދުފަހަރާއި އާލާތްތައް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމަށާއި, އެ އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ އެތެރެ ކުރަން ވެސް ޔަހޫދީން އެއްބަސްވާން ޖެހޭނެއެވެ. އަދި, ޔަހޫދީންނަށް ޙަމަލާއެއް ދޭން ޙަމާސުން އެ ފަދަ އެއްވެސް އުޅަނދެއް, ނުވަތަ އާލާތެއް ބޭނުން ކޮށްގެން ނުވާނެއެވެ.