ފިލިޕީންސްގެ ނިއު ކްލަރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި ދިވެހި ފެތުންތެރިން އިތުރު ހަ ގައުމީ ރިކޯޑެއް އައުކޮށްފިއެވެ.
އެގޮތުން ލޯންގްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު ޢާއިޝަތު ޢުލްޔާ ޝާއިޤް ވަނީ އައުކޮށްފިއެވެ. މި ރިކޯޑު ޢުލްޔާ އައުކޮށްފައިވަނީ 29.29 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުންވެސް އައުކޮށްފައިވަނީ ޢުލްޔާއެވެ. އެއީ މި މަހުގެ 17 ވަނަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގެ އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް 29.47 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
ލޯންގްކޯސް 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު އާން ޙުސައިން ވަނީ އައުކޮށްފިއެވެ. މި ރިކޯޑު އާން އައުކޮށްފައިވަނީ ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭ އިވެންޓުގައި 100 މީޓަރު ފްރީސްޓައިލްގެ ފުރަތަމަ ލެންތު 55.11 ސިކުންތުން ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުންވެސް އައުކޮށްފައިވަނީ އާންއެވެ. އެއީ 2022 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި 55.49 ސިކުންތުން ފުރިހަމަކޮށްގެންނެވެ. މިއީ އާން މި ފަހަރުގެ މުބާރާތުގައި އާކުރި ދެވަނަ ގައުމީ ރިކޯޑެވެ.
މީގެ އިތުރުން ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު ރިޙާން ޝިހާމް ވަނީ އައުކޮށްފިއެވެ. މި ރިކޯޑު އޭނާ އައުކޮށްފައިވަނީ 02:05.91 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު އެންމެ ފަހުންވެސް އައުކޮށްފައިވަނީ ރިޙާނެވެ. އެއީ ދޯހާގައި ބޭއްވި 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި 02:06.32 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި ރިޙާން އައުކުރި ދެވަނަ ގައުމީ ރިކޯޑެވެ.
ދެން މި މުބާރާތުގައި ރިކޯޑު ހަދާފައިވަނީ ލޫޠު މުޙައްމަދު ޙުސައިނެވެ. ލޯންގްކޯސް 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ލޫޠު އައުކޮށްފައިވަނީ 02:49.19 އިން ފުރިހަމަކޮށްގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ 2006 ވަނަ އަހަރު ބޭއްވި 10 ވަނަ ސާފް ގޭމްސްގައި 02:52.44 އިން ރޭސް ނިންމި ޙަސަަން އަޝްރަފުގެ އަތުގައެވެ.
ލޯންގްކޯސް 200 މީޓަރ ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު އިފްޟާލް އިބްރާހީމް މަޙްފޫޠް ވަނީ އައުކޮށްފިއެވެ. އޭނާ ރިކޯޑު އައުކޮށްފައިވަނީ 02:45.81 އިން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ ހަމަ މި މުބާރާތުގައި ލޫޠު މުޙައްމަދު ޙުސައިނެވެ. އެއީ 02:49.19 އިން ރޭސް ނިންމައިގެންނެވެ.
މީގެ އިތުރުން ލޯންްކޯސް ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް މިކްސްޑް ރިލޭގެ ގައުމީ ރިކޯޑު ދިވެހި ފެތުންތެރިން އައުކޮށްފައިވަނީ 04:12.35 އިން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު އައުކުރި ޓީމުގައި ހިމެނެނީ އާން އާއި، ޢަލީ އިމްޢާނާއި، ޢުލްޔާ އަދި ޢާއިޝަތު ޢައިނީ އަބްދުލް ހަމީދެވެ. މި ރިކޯޑު އެން މެފަހުން އައުކޮށްފައިވަނީ 04:14.17 އިން ރޭސް ފުރިހަމަކޮށްގެން، ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައެވެ. އެ ފަހަރުގެ ޓީމުގައި ފެތީ ޢުލްޔާ އާއި މުބާލް ޢައްޒާމް އިބްރާހިމުގެ އިތުރުން ރިހާން އަދި ޙަމްނާ އަޙްމަދެވެ.
އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕުގައި ޖުމްލަ 28 ދިވެހި ފެތުންތެރިން ވާދަކުރާއިރު، މި މުބާރާތުގައި މިހާތަނަށް ދިވެހި ފެތުންތެރިން ވަނީ ނުވަ ރިކޯޑެއް ހަދާފައެވެ.