ޚަބަރު

ޕެރިސް އެގްރިމަންޓްގައި ރާއްޖެއިން ސޮއިކޮށްފި


މޫސުމަށް އަންނަ ބަދަލުތަކާބެހޭ އާ އެއްބަސްވުން، ޕެރިސް އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފިއެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ އާ އެއްބަސްވުން، ނުވަތަ ޕެރިސް އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމްކުރެއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއެވެ.

މި އެއްބަސްވުން ފުރަތަމަ ތަންފީޒުކުރަންފަށާ 11 ޤައުމުގެ ތެރޭގައި ރާއްޖެވެސް ހިމެނެއެވެ. މި އެއްބަސްވުމުގައި 150 އަށް ވުރެގިނަ ގައުމުން މިރޭގެ ރަސްމިއްޔާތުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް އެއްބަސްވުން ތަސްދީޤުކުރަނީ އެގާރަ ޤައުމުންނެވެ. މި އެގާރަ ޤައުމުގެ ތެރޭގައި ކުދިޖަޒީރާ ޤައުމުތަކުގެ ތެރެއިން ހަތް ޤައުމެއް ހިމެނެއެވެ.

މި އެއްބަސްވުން ޢަމަލީ ސިފައަކަށް އައުމަށް، މަދުވެގެން 55 ގައުމަކުން ބައިވެރިވުމާއެކު، ދުނިޔެއިން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 އިންސައްތަ ޙިއްސާކުރާ މިންވަރަށް މި އެއްބަސްވުމުގައި ބައިވެރިން ހިމެނެން ޖެހެއެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށް، ބައިނަލްއަޤްވާމީ މައިދާނުގައި، 1987 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ދަނީ ވަކާލާތުކުރަމުންނެވެ.

ޕެރިސް އެއްބަސްވުމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮޕް އެކާވިސް ސަމިޓްގައި ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ހިމެނޭ ސަތޭކަ ނުވަދިހަ ހަ ގައުމުން އެއްބަސްވެގެން ފާސްކޮށްފައިވާ އެއްބަސްވުމެކެވެ.