ޚަބަރު

ދ.އަތޮޅަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ


މާލެއިން ފުރައިގެން ދ.އަތޮޅަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ "ގްރޭޓް ކާގޯ" ނަމަކަށްކިޔާ 90 ފޫޓުގެ ދޯނި އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިފައިވަނީ ހަވީރު 15:15 ހާއިރުކަމަށެވެ. އަދި އެމަޢުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ، ދޯނި އޮތް ސަރަޙައްދަށް ގޮސް ދޯނީގައި ތިބި ހަތަރު މީހުން ސަލާމަތްކޮށްފައިވާކަމަށާއި، ދޯނީގައި އެވަގުތު ތިބީ ދިވެއްސަކާއި ތިން ބިދޭސީންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ދޯނިން ސަލާމަތް ކުރި ހަތަރު މީހުންގެ ހާލުވެސް ރަނގަޅުކަމަށެވެ.

މި ދޯނި އަޑިއަށް ގޮސްފައިވަނީ މޫސުން ގޯސްވެ، ދޯންޏަށް ދިޔަވުމުގެ ސަބަބުން ފ.ފީއައްޔާއި 11 މޭލު ބޭރުންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މިދޯނި އަޑިއަށްދިޔަ އިރު ދޯނީގައި 40 ފޫޓުގެ ތިން ކޮންޓޭނަރު ހުރިކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.