ޚަބަރު

ޖޭއެސްސީއަށް އެންމެ ގިނައިން ހުށަހަޅަނީ މައްސަލަތައް ލަސްވުމުގެ ޝަކުވާ: ޙިސާން


  • އަތޮޅުތެރޭގެ 7 ރަށަކަށް ފަނޑިޔާރުން ވަނީ ޢައްޔަންކުރައްވާފައި

ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އެންމެ ގިނައިން ހުށަހެޅެނީ ކޯޓުތަކަށް ހުށައަޅާ މައްސަލަތައް ދިގުލައިގެން ދިޔުމާއި ގުޅޭ ޝަކުވާކަމަށް ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙިސާން ޙުސެއިން ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަދައްކަވަމުންނެވެ.

ޖޭއެސްސީގެ ރައީސް ހިސާން ވިދާޅުވީ ރާއްޖޭގެ ޝަރުޢީ ދާއިރާއަށް އަލަށް ގުޅިވަޑައިގެންނެވި ކޮންމެ ފަނޑިޔާރަކީ ބޮޑު ޒިންމާއަކާއެކު މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ. އަދި ފަނޑިޔާރުން އަބަދުވެސް މަސައްކަތް ކުރައްވަންވާނީ ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ވީ އެންމެ އަވަހަކަށް ނިންމާ، އިންސާފު ޤާއިމުކޮށްދިނުމަށްކަމަށްވެސް ހިސާން ވިދާޅުވިއެވެ. ޙިސާން ވަނީ ކޯޓަށް ދެއްވަންޖެހޭ ފުރިހަމަ ވަގުތާއި އަހަންމިއްޔަތުކަން ކޯޓުތަކަށް ދެއްވުމަށް، އަލަށް ހުވާކުރެއްވި ފަނޑިޔާރުންނަށް ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

"ތަނެއް ކުރިއަރައި ދިޔުމުގައި އެތަނެއްގައި ޢަދުލުއިންސާފު ޤާއިމުވެފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް. އެކަމަށްޓަކައި މައްސަލަތައް އަވަހަށް ބަލައި އިންސާފަށް ވާޞިލުވާންޖެހޭ. ކޮމިޝަނަށް ހުށައެޅޭ އެންމެ ބޮޑު ޝަކުވާއަކީ ކޯޓަށް ހުށައެޅޭ މައްސަލަތައް ލަސްވެގެން ދިޔުމުގެ ޝަކުވާ." ޙިސާން ވިދާޅުވިއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ޖުޑިޝަލް ސަރވިސް ކޮމިޝަނުން 7 ފަނޑިޔާރަކު ޢައްޔަންކުރައްވާފައެވެ. އެއީ،

- ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް - ނ.ކުޑަފަރި، ކުރެއިމާ، އަލްއުސްތާޛު އަބާން ޢަބްދުﷲއެވެ.
- ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް - ރ.އުނގޫފާރު، ވީލްޑެން، އަލްއުސްތާޛު ރިމާޙު މުޙައްމަދުއެވެ.
- ޅ.ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް - ޅ.ނައިފަރު، އަތަ، އަލްއުސްތާޛާ އުސްރަތު މުޙައްމަދެވެ.
- ކ.ދިއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް - ކ.މާލެ، ދަފްތަރު ނަންބަރު ރސ 14060، އަލްއުސްތާޛު މަނާފް އިބްރާހީމެވެ.
- ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް - ފ.ނިލަންދޫ، އުނިމާގެ، އަލްއުސްތާޛު މޫސާ އިސްމާޢީލްއެވެ.
- ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް - ސ.ހިތަދޫ، ދުބުހިމާގެ، އަލްއުސްތާޛާ ނަހުޝާ ރަޝީދެވެ.
- އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް - ފ.ބިލެތްދޫ، ބަސީރީހިޔާ، އަލްއުސްތާޛު ޖައިލަމް ތައުފީޤްއެވެ.

މިބޭފުޅުންނަށް ހުވާ ލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒްއެވެ.