ޚަބަރު

އަނަސްއަށް އިންސާފު ނުލިބުމަކީ މުއައްސަަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވާނެކަމެއް: ސަރުކާރު


  • 7 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ވަނީ ނިންމާފައި

  • ސަރުކާރުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައި

ރ. މީދޫ ފެންފިޔާޒުގޭ މުހަންމަދު އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އަދަބު ނުލިބުމަކީ ތަންފީޒީ އިދާރާތަކާއި އަދުލްއިންސާފު ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެކަމެއްކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ވިދާޅުވެއެވެ.

ހޯމްލޭންޑް ސެކިއުރިޓީން ނެރުއްވި ބަޔާނުގައި ވިދާޅުވީ ރ. މީދޫ ފެންފިޔާޒުގޭ މުހަންމަދު އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިފައިވާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަކީ ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި މިމައްސަލައިގައި މުހަންމަދު އަނަސްއަށް ހަމަލާ ދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށްވެފައި، އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުންވެސް އެމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކަށް އަދަބު ނުލިބި ދިއުމަކީ ތަންފީޒީ އިދާރާތަކާއި އަދުލް އިންސާފް ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ކަމެއްކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން މިކަމުގެ ސަބަބުން ގާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސްއެޅި ކުށްކުރާ ފަރާތްތަކަށް ކުށްކުރުމަށްފަހު ގާނޫނީ އަދަބުން ބަރީއަވެވޭނޭކަމުގެ ޔަގީންކަން ލިބިގެން ދާނެކަމަށްވެސް ބަޔާނުގައިވެއެވެ. އެހެންކަމުން މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ގާނޫންތަކަށް ގެންނަށްޖެހޭ އިސްލާހްތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައިކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގައި ޖިނާއީ އަދުލުގެ ނިޒާމް ހަރުދަނާކޮށް ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބުދީ އިންސާފް ގާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން އަންނަނީ ދައުލަތުގެ އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރަމުންކަމަށެވެ. އަދި މުހައްމަދު އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފައިވާ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން މިމައްސަލައިގައި އިތުރަށް އަޅުއްވާނެ ފިޔަވަލުތައް ނިންމަވާނެކަމުގެ ޔަގީންކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ދެއްވާފައިވާކަންވެސް ހޯމްލޭންޑް ސެކިއުރިޓީން ނެރުއްވި ބަޔާނުގައިވެއެވެ.

ބަޔާނުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ކުށްކުރާ ގޭންގްތައް ހުއްޓުވައި ދިވެހިރާއްޖޭގެ ރަށްތަކަކީ އަމާންތަނަކަށް ހެދުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަންމަދު މުއިއްޒުގެ ވައުދުފުޅެއްކަމަށެވެ. އެގޮތުން ކުށްކުރާ ފަރާތްތައް ކުށަށް އަރައިގަތުން ހުއްޓުވައި އެފަރާތްތަކާމެދު ގާނޫނީ އިމުގެ ތެރެއިން އެޅެންހުރި ފިޔަވަޅުތައް އެޅުމާއި ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް މަސައްކަތްކުރުމަކީ ވަކި ބާރެއް އިސްތިސްނާ ނުވާ ފަދައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތެއްކަަމަށްވެސް ބަޔާނުގައިވެެއެެވެ. އެގޮތުން ކުށްކުރުން ހުއްޓުވުމަށް ދައުލަތުގެ ތަންފީޒީ އިދާރާތަކާއި ޝަރުއީ ދާއިރާއަށް ގާނޫނުން މަތިކޮއްފައިވާ ޒިންމާތައް ފުރިހަމައަށް އަދާކުރަމުން ދިޔުމުގައި ސަރުކާރުގެ އެއްބާރުލުން އެންމެ ފުރިހަމައަށް ލިބެމުން ދާނެކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމާއި ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް ބަދަލުކޮށް އިސްލާހު ކުރަންޖެހޭނަމަ ކަމާއިބެހޭ ދައުލަތުގެ މުއައްސަސާތަކާއި ގުޅިގެން ސަރުކާރުން އެމަސައްކަތް ކުރަމުން ގެންދާނެކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާގައި ހިނގަމުން އަންނަ މައްސަލަތައް ނުނިމި ގިނަ ދުވަސް ވުމުގެ މައިގަނޑު ސަބަބަކީ ޖިނާއީ އަދުލު ނިޒާމުގެ ތެރޭގައި ހުރި ވަސީލަތްތަކުގެ ދަތިކަމާއި ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންކަމަށްވެސް ބަޔާނުގައިވެއެވެ.