މިއަދަކީ ބައިނަލް އަޤްވާމީގޮތުން ފާހާގަކުރާ އާރތް ދުވަހެވެ.
ބައިނަލްއަޤްވާމީ " މަދަރ އާރތް ޑޭ " އަކީ ދުނިޔޭގައި ދިރިއުޅޭ އިންސާނުންނާއި ދިރޭތަކެތީގެ ނަސްލާއި ފަރާތައް ބަރޯސާވެފައިވާ ވަރު ހާމަކޮށްދިނުމަށް ލިބޭ ބޮޑު ފުރުސަތެއްކަމަށް އދގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ވަނީ ވިދާޅުވެފައެވެ. އާރތް ޑޭ ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ ދުނިޔޭގެ ވެށި ހިމާޔަތްކޮށް، ކުރިޔަށް އޮތް ޖީލްތަކަށް ވާސިލްކުރުމަށް ތިމާވެއްޓައް ރައްކާތެރި އުސޫލްތަކެއްގެ މައްޗަށް މުޖުތަމައުތައް ބިނާކުރުމަށް ބާރު އެޅުމެވެ.
މިއަހަރުގެ އާރތް ޑޭ ފާހަގަކުރަމުން މިދަނީ ނިއު ޔޯކްގައި ހުންނަ އދގެ ހެޑް ކުއަރޓާސްގައި ޕެރިސް އެގްރީމަންޓް އޮން ކްލައިމެޓް ޗޭންޖުގައި ބައިވެރިވާ ޤައުމުތަކުގެ ފަރާތުން ސޮއިކުރާ ދަނޑިވަޅާއި ދިމާކޮށެވެ.
ޕެރިސް އެގްރީމަންޓަކީ 2015 ވަނަ އަހަރު ޕެރިހުގައި ބޭއްވުނު ކޮޕް21 ސަމިޓްގައި 196 ޤައުމަކުން އިއްތިފާގުވެ، އެއްބަސްވެފައިވާ ޔުނައިޑަޓް ނޭޝަންސް ފްރޭންމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ދަށުން އެކުލަވާލެވިފައިވާ އެގްރީމަންޓެކެވެ. މިއެޤްރީމަންޓަކީ ޖައްވައް ދޫކުރެވޭ ވިހަ ގޭސްގޭހުގެ ބާވަތްތަކުގެ މިންވަރު ދަށްކުރުމާއި، ދުނިޔެ ހޫނުވަމުން އަންނަ މިންވަރު ދައްކުރުމަށް މަސައްކަތްކުރުމާއި، ޤައުމުތަކުން އެކުލަވާލާ ސިޔާސަތްތައް ތިމާވެއްޓާއި ރައްކާތެރި ގޮތުގައި ބައްޓަން ކުރުމަށާއި މިނޫނަށް ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ އެކި ކަންތައްތައް ކުރުމަށް ބާރު އާޅާ އެއްބަސްވުމެކެވެ.
މިއަދުވެސް ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަކުރެވިފައިވާ މި އެޤްރީމަންޓްގައި 155 ޤައުމަކުން ދާނީ ސޮއިކުރަމުންނެވެ. އަދި ސޮއިނުކުރާ ޤައުމުތަކަށް މިއެގްރީމަންޓްގައި ސޮއިކުރުމަށް އެއް އަހަރު ދުވަހު މުހުލަތެއް ލިބިގެން ދާނެއެވެ. އެޤްރީމަންޓްގައި ސޮއިކުރެވުމަށްފަހު ޤައުމުތަކުން ތިމާވެށި ހިމާޔަތްކުރުމަށް ޤައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތައް ބަޔާންކުރާ ޕްރޮޕޯޒަލް ޕްލޭނެއްވެސް ހުށަހަޅަން ޖެހޭނެއެވެ. ވަކި ވަކި ޤައުމުތަކުން ޕެރިސް އެޤްރީމަންޓް ތަންފީޒުކުރަން ފެށިކަމަށް ދެކެވޭނީ އެކްޝަން ޕްލޭން އދގެ ސެކެޓްރީ ޖެނެރަލްއަށް ހުށަހެޅުމުންނެވެ.
އާރތް ޑޭ ފާހަގަ ކުރުމަށް އދގެ ޖެނެރަލް އެސެންބްލީން 22 އޭޕްރިލް ކަޑައެޅީ 2009 ވަނަ އަހަރުއެވެ. އޭގެ ކުރިން މިދުވަސް ފާހަގަ ކުރަމުން އައިސްފައިވަނީ އެމެރިކާގެ އާރތް އޯގަނައިޒޭޝަނުން 1970ވަނަ އަހަރުން ފެށިގެން އާރތް ޑޭގެ ގޮތުގައެވެ. މިއަހަރުގެ އާރތް ޑޭގެ ޝިއާރަކީ " ޓްރީޒް ފޮރ އާރތް "އެވެ. ދުނިޔޭގެ ދިރުން ދެމެހެއްޓުމަށް ގަސްގަހުގެ މުހިންމުކަން އަންގައިދޭ މި ޝިއާރުގެ ދަށުން ކުރިޔަށް އޮތް 5 އަހަރުގެ ތެރޭގައި 7.8 ބިލިއަން ގަސް އިންދުމަށް އާރތް ނެޓްވޯކްއިން ވަނީ ނިންމާފައެވެ. އަދި މިކަމުގައި އދ އާއި އާރތް ނެޓްވޯކްގެ މެންބަރު ޤައުމުތަކުން ބައިވެރިވާނެއެވެ.
މިއަހަރުގެ ޝިއާރު ގަސްގަހަށް ހާއްސަކުރެވިފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ގަސްގަހަކީ ޖައްވަށް ފެތުރޭ ވިހަ ގޭހުގެ މާއްދާތައް އޮބްޒޯބްކޮށް، ރައްކާތެރި މާއްދާތައް އުފެއްދުމުގައި ހާއްސަ ދައުރެއް އަދާކުރާ އެއްޗެކެވެ. އިންސާނުންނާއި ޖަނަވާރުންނަށް ބޭނުންވާ ވައި އުފެއްދުމުގައިވެސް މައި ރޯލެއް އަދާކުރަނީ ގަސްގަހުންނެވެ.
ދުވަހާއި ގުޅުވައިގެން އދގެ ސެކެޓްރީ ޖެނެރަލް ބަންކީ މޫން ނެރުއްވި ބަޔާނުގައި ބުނެފައިވަނީ ޕެރިސް އެޤްރީމަންޓްގައި މިހާ ގިނަ އަދަދެއްގެ ޤައުމަކުން ސޮއިކުރުމުން ރަމްޒުކޮށްދެނީ ހުރިހާ ޤައުމަކުންވެސް ތިމާވެށި ރައްކާތެރިކުރުމަށް ދޭ އަހައްމިޔަތުކަންކަމަށެވެ. އަދި ތިމާވެށި ރައްކާތެރިކޮށް، އަންނަން އޮތް ޖީލްތަކަށް ރައްކާތެރި ދުނިޔެއެއް ވާސިލްކޮށް ދިނުމުގައި ކުރާ މަސައްކަތުގައި ދުނިޔޭގެ ލީޑަރުންގެ ދައުރު ވަރަށް ބޮޑުކަމަށް ބަން ކީ މޫން ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ޤައުމުތަކެއް އެކުގައި ޖައްވަށް ދޫކުރާ ވިހަ ގޭސްގޭހުގެ މާއްދާތައް މަދުކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ބަން ކީ މޫން ގޮވާލެއްވިއެވެ.
ބަން ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމުގައި ވަކި ވަކި ފަރުދުންގެ ރޯލްވެސް ވަރަށް ބޮޑުކަމަށެވެ. މިގޮތުން ކުރާ ކޮންމެ ކަމެއްގައިވެސް ތިމާވެއްޓަށް ރައްކާތެރި އުސޫލްތަކެއްގެ ދަށުން ކަންތައްތައް ކުރުމަށް ބަން ގޮވާލެއްވިއެވެ. ދުވަހުގެ ޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ބަން ވިދާޅުވީ އެއް ގަސް އިންދުމުން މާބޮޑު ފަރަގެއް އަންނާނެއްކަމަށް ބައެއް މީހުން ނުދެކޭކަމަށެވެ. ނަމަވެސް ކޮންމެ މީހަކު އެއް ގަސް އިންދައިފިނަމަ އެއީ ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ ބޮޑު ފިޔަވަޅެއްކަމަށް ބަން ކީ މޫން ވިދާޅުވިއެވެ. މީގެ އިތުރުން ދުނިޔޭގައި އުޅޭ އިންސާނުންނާއި، އެތައް ހާސް ޖަނަވާރުންނާއި ސޫޕާސޫފިތަކަކީ އެކައްޗެއް އަނެކަށްޗަށް ބަރޯސާވެފައިވާ އެއްޗެއްކަމަށް ފާހަގަކޮށް ބަން ކީ މޫން ވިދަޅުވީ ތިމާވެށި ހިމާޔަތްކުރުމުގައިވެސް ކޮންމެ ދިރި ހުރި އެއްޗެށް ބޮޑު ދައުރެއް އަދާކުރާކަމަށެވެ.