ދިވެހީންގެރާއްޖެ ހޯދުމަށް ދިވެހިން ފެށި ދަތުރު ކާމިޔާބުކަމާއެކު ނިންމާލެވޭނީ ޤައުމިއްޔަތާއި ތަރައްޤީގެ ވިސްނުން އިސްކުރައްވާ ކެނޑިޑޭޓުންތަކެއް ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އުތުރުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ނެއްލައިދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރާއި އެއް ވިސްނުމެއްގެ ކެނޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިޤްތިޞާދީގޮތުން ޤައުމަށް ދިމާވެފައި އޮތް ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބުވަމުންދާކަމަށެވެ. ނަމަވެސް މަޖިލިސް ތެރެއިން ފެންނަނީ ސަރުކާރާއި ދެކޮޅު މެމްބަރުން އެކަންކަމަށް ހުރަސް އަޅުއްވާ މަންޒަރުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ޒިންމާދާރު މަޖިލީހެއް އޮންނަ ޤައުމެއްގައި ކަންކަން ކުރިއަށްދާގޮތަކަށް ނޫން ރާއްޖޭގެ މަޖިލީހުން އަމަލުތައް ފެންނަނީ. މިދިޔަ 3 މަސްދުވަހުގެ ތެރޭގައި އެއްވެސް ޒިންމާދާރުކަމެއް ނެތި، އެ ބޭފުޅުންނަށް ބާރު ހިންގާ ފަރާތްތަކުން އަންގާގޮތަށް ކަންކަން ކުރާ ތަން ފެންނަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެކުރިން ޤައުމުގެ ހާލަތު އޮތްގޮތުން މަޖިލިސް ތެރޭގައި މިއަދު އެ ހިނގަނީ ކޮންކަމެއްކަން ޤައުމުދެކެ ލޯބިވާ ރައްޔިތުންނަށް ސާފުވާނެކަމަށެވެ. އެހެންކަމުން އިޤްތިޞާދު ކުރިއަރުވައި، ތަރައްޤީ ގެނެސްދިނުމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކުގެ ރޭވުން ނާކާމިޔާބުކޮށްލައި، ޤައުމު ރަނގަޅު މިސްރާބަށް ގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ސަރުކާރަށް ދިން ތާއީދަށްވުރެ ބޮޑު ތާއީދެއް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް ހޯދައިދިނުމަކީ ކޮންމެހެންވެސް މުހިއްމުކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ފާރަވެރިވާން އެބަޖެހޭ. ޤައުމު ދެކެ ލޯބިވާ ރައްޔިތުން މިފެށި މަސައްކަތް. ދިވެހީންގެރާއްޖެއަށް ދެވޭކަން ޔަގީންކުރުމަށްޓަކައި އަދި އެއް މަރުހަލާ އެބައޮތް.. ރައްޔިތުންގެ މަޖިލިސް. ދިވެހީންގެރާއްޖެ ހޯދުމަށްޓަކައި ރިޔާސީ އިންތިހާބުގައި ތިބޭފުޅުން ގޮތް ނިންމެވި. ދިވެހީންގެރާއްޖެ މަޖިލީހަށް އެބަދާންޖެހޭ. މަޖިލިސް ކާމިޔާބުކޮށްގެން ދިވެހީންގެރާއްޖެ ޔަގީންވާނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓްދެއްވާއިރު ޒާތީ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ޤައުމީ އަދި ތަރައްޤީގެ ވިސްނުން އިސްކުރަންޖެހޭކަމަށެވެ. އަދި އެންމެ ވިސްނުންތެރި ނިންމެވުމަކަށް ވާނީ ސަރުކާރާއި އެއް ވިސްނުމެއްގެ ކެނޑިޑޭޓުން މަޖިލީހަށް އިންތިހާބުކުރުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.