މިއަހަރު ތެރޭގައި 50 ރަށެއްގައި ކައުންސިލް އިދާރާގެ އޮފީސް އިމާރާތްކުރުމުގެ މަސައްކަތް އެއްފަހަރާ ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އެމަނިކުފާނު އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. މަކުނުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ހދ. މަކުނުދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވަޙަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލްތަކަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް ނެތުމުގެ ދަތިކަން ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގައި އެބައޮތްކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލްތަކަށް ބޭނުންވާ ޖާގަ އިތުރުކުރުމަށް ނިމިދިޔަ ސަރުކާރުތަކުން އެކަށީގެންވާ މަސައްކަތެއް މިހާތަނަށް ކުރިއަށްގެންގޮސްފައިނުވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުސިލްތަކުންދޭ އިދާރީ ޚިދުމަތްތައް އެކަށީގެންވާ ގޮތުގައި ފޯރުކޮށްދިނުމަށް ރަނގަޅު ފެންވަރެއްގެ އިމާރާތެއް މުހިންމުކަމަށެވެ. އެހެންކަމުން އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގެ 50 ރަށެއްގައި ކައުންސިލް އިދާރާގެ އޮފީސް އިމާރާތްކުރުމަށް ބިޔަ މަޝްރޫޢެއް ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ފެންވަރު ރަނގަޅު ޖާގަ ތަނަވަސް ކައުންސިލް އޮފީސްތައް ޤާއިމުކުރާނަން. އޮފީސްތައް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ އެންމެ ބޮޑަށް ހަލާކުވެފައިވާ، އެންމެ ޖާގަ ކުޑަ އަދި އާބާދީގެ ގޮތުން އެކަމަށް އެންމެ ބޭނުންޖެހިފައިވާ ރަށްރަށަށް. މަޝްރޫއު އެކުލަވާލުމުގެ މަސައްކަތްވަނީ ފެށިފައި. މިއަހަރުތެރޭ ޢަމަލީ މަސައްކަތް ފަށާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަޖެޓުގައި ދަތިތައް ހުރިނަމަވެސް، މި މަސައްކަތަކީ މިވަގުތަށް ކޮންމެހެން ކުރަންޖެހިފައިވާ މުހިއްމު މަސައްކަތެއްކަމަށެވެ. އެހެންކަމުން މި މަސައްކަތަށް ބަޖެޓު ކަނޑައަޅައި، މިއަހަރުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ 50 ރަށުގައި އެއްފަހަރާ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްޙުރިއްޔާ އަތޮޅުތެރެއަށް ފައްޓަވާފައިވާ ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުކަމަށްވެގެންދަނީ ރައްޔިތުންގެ ކަންޑުވުންތައް ކައުންސިލް މެދުވެރިކޮށް ސަރުކާރަށް ހުށައެޅުމުގެ ފުރުޞަތު ދެއްވުމެވެ. އެގޮތުން އެމަނިކުފާނު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އަތޮޅުގެ ހުރިހަ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރެއްވުން ކުރިއަށްގެންދަވައެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް 3ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ކައުންސިލްތަކާއި ބައްދަލުކުރައްވާނެކަމަށެވެ.