ޚަބަރު

ރަފަޙުގެ ގެއަކަށް ބޮންއަޅައި ޢާންމުންގެ 7 މީހުން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙުގައި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި އެ ގޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ހަތް މީހުން ޝަހީދު ކޮށްލައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލައިފިއެވެ. ޝަހީދުންގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. ރަފަޙުގައި ފަލަސްޠީނުގެ 1.5 މިލިޔަނެއްހާ މީހުން ދަނީ ތޮއްޖެހިފައިވާ ހާލުގައި ދިރިއުޅެމުންނެވެ.

ޔަހޫދީ ފައުޖުން ރަފަޙަށް ދީފައިވާ އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ރަށުގެ ޝާހީން ޢާއިލާ ދިރިއުޅޭ ޢިމާރާތަށެވެ. އެ ޢިމާރާތުގައި އަބޫ ޙަމްރާ ޢާއިލާއާއި އަބޫ ސުލްޠާން ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ވެސް ދިޔައީ ދިރިއުޅެމުންނެވެ. އެއީ ޣައްޒާގެ އުތުރުގެ ރަށްތަކަށް ދެމުން ދިޔަ ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތް ވާން ރަފަޙަށް ހިޖުރަކުރި ޢާއިލާތަކެކެވެ.

ޙަމަލާތަކުގައި އެ ޢިމާރާތް ހުރި މަގާއި އެ ސަރަޙައްދުގައި ހުރި މާރުކޭޓަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މަންޒަރު ފެނުނު މީހުން ބުނީ ޝަހީދު ކޮށްލާފައިވާ ގިނަ ޢަދަދެއްގެ ބައެއްގެ ހަށިތަކާއި ގުނަވަންތައް މަގުމައްޗަށް ވިއްސިވިހާލިވެފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންގެ ހަށިތައް ހިމެނެއެވެ.

"ޚާން ޔޫނިސް ދޫކޮށް އަޅުގަނޑުގެ މަންމައާއި ބައްޕަ ރަފަޙަށް ދަތުރު ކުރީ ޔަހޫދީ ފައުޖުގެ ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތް ކަން ހޯދަން. ނަމަވެސް, މި ތަނަށް އައުމުން ޔަހޫދީ ފައުޖުން މި ވަނީ ރަޙުމު ކުޑަ ޙަމަލާތަކެއްދީ, އެ މީހުން ޝަހީދު ކޮށްލާފައި،" ރަފަޙަށް ދިން ޙަމަލާތަކުގައި ޢާއިލާގެ ގިނަ މެންބަރުންތަކެއް ޝަހީދުވި މީހަކު ބުންޏެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 92 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އަދި ރަފަޙުގައި ހުރި ޝާހީން ޢާއިލާ ދިރިއުޅޭ ގެއަށް ދިން ޙަމަލާގައި ޝަހީދު ކޮށްލާފައިވާ ގިނަ މީހުންގެ ހަށިތައް އެއީ ކޮން ބައެއް ކަން ދެނެނުގަނެވޭ މިންވަރަށް ފިހިފައިވާ ކަމުގައެވެ. އެ ގެއަށް ދީފައިވާ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ސާފެއް ނޫނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 29,600އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 70,000އާ ގާތްކުރާ ކަމުގައި ޢައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަ ކުރެއެވެ. ނަމަވެސް ޣައްޒާގެ ހަސްފަތާލުތަކަށް ޙަމަލާދީ, އެ ތަންތަން ސުންނާފަތި ކޮށްލާފައިވާތީ ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެވޭނެ ގޮތެއް ވެސް ނެތެވެ.