ޚަބަރު

ހިއުމަން ރައިޓްސް ކައުންސިލްގައި ބައިވެރިވެވަޑައިގެންނެވުމަށް ޝެރީނާ ޖެނީވާއަށް


  • ރާއްޖެއަކީ ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެއް

  • ދިވެހިރާއްޖޭގެ ފަރާތުން ޝެރީނާ ތަޤުރީރު ކުރައްވާނެ

އދގެ ހިއުމަން ރައިޓްސް ކައުންސިލްގެ 55 ވަނަ ސެޝަންގައި ވެރިވެވަޑައިގަތުމަށް ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ އަބްދުއް ސަމަދު ސްވިޓްޒަލެންޑަށް ފުރާވަޑައިގެންފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ އެ ސެޝަން އޮންނާނީ މާރޗު 1 ވަނަ ދުވަހުގެ ނިޔަލަށް ސްވިޓްޒަލެންޑުގެ ޖެނީވާގައެވެ. އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ އިތުރުން އެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އެކި ޤައުމުތަކުގެ އިސްވެރިންނާއި އދގެ އިސްވެރިންނާ ވެސް ރާއްޖޭގެ ފަރާތުން ޝެރީނާ ބައްދަލުކުރައްވާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރެކެވެ. މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ. ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އެކި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދގެ ގުނަނެކެވެ.