ޚަބަރު

ޔަމަނަށް ބޮން އެޅުމުން އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ޙަމަލާދީފި


އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ގުޅިގެން ޔަމަަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުގެ އަމާޒުތަކަށް ބޮން އެޅުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާގެ ތެޔޮ ޓޭންކަރަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފެށުމުން ޙޫޘީން ވަނީ ރަތް ކަނޑުގެ ސަރަޙައްދުން ދަތުރުކުރާ އެ ދެ ޤައުމުގެ އުޅަނދުފަހަރަށް ޙަމަލާދޭން ފަށާފައެވެ.

ރަތް ކަނޑުން ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ހިންގަން ފެށުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޙޫޘީންގެ އަމާޒަކީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލަން ބާރު އެޅުމެވެ. ނަމަވެސް ޔަހޫދީންގެ ދިފާޢުގައި އެމެރިކާއާއި އިނގިރޭސިން ވަނީ ތެދުވެ ޙޫޘީންގެ އަމާޒުތަކަށް ކަމަށް ބުނެ ޔަމަނަށް ބޮން އަޅަން ފަށާފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ބުނީ ޔަމަނުގެ 18 އަމާޒަކަށް ވައިގެ ޙަމަލާތައް ދީފައިވާނެ ކަމުގައެވެ. ގުޅިފައިވާ ބަޔާނެއްގެ ދެ ޤައުމުން ބުނީ ޙަމަލާތައް އަމާޒު ކޮށްފައި ވާނީ ޙޫޘީންގެ ހަތިޔާރާއި މިސައިލް ރައްކާކުރާ ގުދަންތަކާއި ޑްރޯން ސިސްޓަމްތަކާއި ރާޑަރުތަކުގެ އިތުރުން ހެލިކޮޕްޓަރަކަށް ކަމުގައެވެ. އެ ޙަމަލާތަކުގައި އޮސްޓްރޭލިޔާއާއި ބަޙްރައިނާއި ކެނެޑާއާއި ނެދަލެންޑްސްގެ އިތުރުން ނިއު ޒީލެންޑުން ބައިވެރިވިއެވެ.

އެމެރިކާއާއި އިނގިރޭސިވިލާތް އިސްވެ ދިން ޙަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ޙޫޘީން ވަނީ އެމްވީ ޓޯމް ތޯގެ ނަން ދީފައިވާ ތެޔޮ ޓޭންކަރަކަށް ޙަމަލާ ދީފައެވެ. ޙޫޘީންގެ ތަރުޖަމާނު ޔަޙްހާ ސަރީޢު ވިދާޅުވީ ޢަދަން ކަނޑުން ދަތުރު ކުރަމުން ދިޔަ އެމްވީ ޓޯމް ތޯއަކީ އެމެރިކާގެ އުޅަނދެއް ކަމުގައެވެ. އެއީ އެމެރިކާގެ ދިދައިގެ ދަށުން ދަތުރު ކުރާ އެމެރިކާ ކުންފުންޏެއްގެ ބޯޓެކެވެ.

ހުސްވި އަހަރުގެ ނޮވެންބަރު މަހުގެ މެދުތެރެއިން ފެށިގެން މިހާތަނަށް ޙޫޘީން ވަނީ ރަތް ކަނޑުން ދަތުރު ކުރި އާގުބޯޓުފަހަރާއި އަސްކަރީ އުޅަނދުފަހަރަށް 45 ޙަމަލާއެއް ދީފައެވެ. އެ ޙަމަލާތަކާ އެކު ކަނޑުމަގުން ކުރާ ވިޔަފާރި ދަތުރުފަތުރަށް ވަނީ ހުރަސް އެޅިފައެވެ. ޙޫޘީންގެ އަމަލުތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުން ގެއްލިފައިވާ ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ.