ޚަބަރު

ސީމެގްގެ ނިންމެވުމަކީ ބޮޑު ކާމިޔާބީއެއް - ދުންޔާ


މިދިޔަ ފެބްރުއަރީ މަހު ބާއްވާފައިވާ ސީމެގްގެ ބައްދަލުވުމުގައި ސަރުކާރުން އިސްލާހު ކުރައްވަންޖެހޭ ކަންކަމުގެ ގޮތުގައި ފާހަގަކުރެއްވި ކަންތައްތަކުގައި ސަރުކާރުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯއްދަވާފައިވާކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ޚަބަރަށް ދެއްވި އިންޓަރވިއުއެއްގައި ފޮރިން މިނިސްޓަރ ދުންޔާ މައުމޫން ވިދާޅުވީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް އިއްޔެ ނިންމި ނިންމުމަކީ ސީމެގުން އިސްލާހްކުރުމަށް ހުށައަޅާފައިވާ ކަންކަމުގައި ސަރުކާރުން ހޯއްދަވަފައިވާ ކުރިއެރުން ހާމަކޮށްދޭ ކަމެއްކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީގެ މަޝްވަރާއާއި، ދައުލަތް ހިންގެވުމުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސީމެގްގެ މިނިސްޓަރުންނަށް ރާއްޖެއާމެދު ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން ކުރައްވާފައިވާ މަސައްކަތުން ރާއްޖޭގެ ހަޤީޤީ ޙާލަތު ސީމެގް މިނިސްޓަރުންނަށް މިހާރު ހާމަވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސީމެގްގެ ނިންމުމުގައި ސިޔާސީ ޕާޓީގެ މަޝްވަރާ ކުރިއަށްގެންދިއުމުގައި އިދިކޮޅު ފަރާތްތަކުގެ ރޯލުވެސް ފާހަގަކޮށްފައިވޭ" - ފޮރިން މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ ސީމެގްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް އެގްރޫޕުން ނިންމި ނިންމުމަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ލިބުނު ބޮޑު ކަމިޔާބީއެއްކަމަށެވެ.

ކޮމަންވެލްތްގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައިފައިވަނީ އެ ގްރޫޕްގެ އެޖެންޑާގައި ރާއްޖެ ހިމަނާވަރުގެ ސީރިއަސް މައްސަލަތަކެއް ރާއްޖޭގައި ނެތްކަމަށް ބުނެއެވެ. އެގްރޫޕުންވަނީ ސިޔާސީ ޕާޓީގެ މަޝްވަރާއަށާއި، ދައުލަތް ހިންގެވުމުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތައް ކޮމަންވެލްތުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ގޮވާލާފައެވެ.