ޚަބަރު

ރައީސް ނަޝީދުގެ މެޑިކަލް ޕްރޮސީޖަރ ކާމިޔާބު


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހޭފުޅުނައްތައިގެން އިއްޔެ ހެއްދެވި މެޑިކަލް ޕްރޮސީޖަރ ކާމިޔާބުކަމަށް ރައީސް ނަޝީދުގެ ޤާނޫނީ ޓީމުން ބުނެފިއެވެ.

ޕީ.އެސް.އެމަށް މަޢުލޫމާތު ދެއްވަމުން ރައީސް ނަޝީދުގެ ޤާނޫނި ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛާ ހިސާން ޙުސައިން ވިދާޅުވީ އިއްޔެ ހެއްދެވި މެޑިކަލް ޕްރޮސީޖަރ ކާމިޔާބުނަމަވެސް ރައީސް ނަޝީދުގެ ޞިއްޙީ ޙާލުކޮޅާމެދު އަދި އެއްޗެއް ހާމަކުރެވެން ނެތްކަމަށެވެ.

ރައީސް ނަޝީދު ހޭފުޅުނައްތައިގެން ހެއްދެވީ ކޮންކަހަލަ މެޑިކަލް ޕްރޮސީޖަރއެއްކަން ރައީސް ނަޝީދުގެ ފަރާތްޕުޅުން ހާމަކުރައްވާފައެއް ނުވެއެވެ. މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގެން ޑޮކްޓަރުންގެ ލަފާގެމަތިން ޞިއްޙީ ފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް ރައިސް ނަޝީދުގެ އޮފީހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ މައިބަދައިގެ އޮޕަރޭޝަން މިހާތަނަށް ކުރައްވާފައިވާކަން ނުވަތަ ނުވާކަންވެސް އެމަނިކުފާނުގެ އޮފީހުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ. 

ޓެރެރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭސްފަރުވާއަށް ކަރެކްޝަނަލް ސަރވިސްއިން ދެއްވާފައިވާ މުއްދަތު ހަމަވެފައިވާއިރު، އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރެއްވުމާއިމެދު ގޮތެއް ކަނޑައެޅުއްވުމަށް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑަށް ހުށައަޅުއްވާފައިވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައިވެއެވެ.