ޚަބަރު

އިންޑިޔާގެ މަނިޕޫރުގައި ބޮމުގެ ޙަމަލާއެއް ދީފި


އިންޑިޔާގެ އިރުއުތުރު މަނިޕޫރް ސްޓޭޓްގެ އިމްފާލްގައި ބޮމެއް ގޮއްވައިލާ އެކަކު މަރައިލައިފިއެވެ. އިމްފާލްގެ ޔުނިވަރސިޓީއެއްގެ ކެމްޕަހުގައި ދީފައިވާ ޙަމަލާގައި އިތުރު މީހަކު ޒަޚަމުވިއެވެ. އެ ޙަމަލާ ދިނުމަށް ބޭނުން ކޮށްފައި ވަނީ އަމިއްލައަށް ތައްޔާރު ކޮށްފައިވާ ބޮމެއް ކަން އިންޑިޔާގެ ސަލާމަތީ ބާރުތަކުން ކަށަވަރު ކޮށްދެއެވެ.

އިމްފާލްގެ ޑީއެމް ޔުނިވަރސިޓީގެ ކެމްޕަހުގައި ބޮން ގޮއްވައިލައިގެން ދީފައިވާ ޙަމަލާގައި ޒަޚަމުވި މީހާއަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އެއްވެސް ބަޔަކު އެ ޙަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ނަމަވެސް އެއީ މަނިޕޫރުގައި ދިރިއުޅޭ މެއިޓީ ދަރިކޮޅާއި ކުކީ ދަރިކޮޅުގެ މީހުންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅުން އޮތް ޙަމަލާއެއް ކަމަށް ބެލެވެއެވެ. އެ ދެ ދަރިކޮޅުގެ މީހުންގެ މެދުގައި ހުސްވި އަހަރުގެ މޭ މަހުން ފެށިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 200އެއްހާ މީހުން ވަނީ މަރުވެފައެވެ.

މަނިޕޫރުގެ ސަލާމަތީ ބާރުތަކުން ބުނީ ޑީއެމްް ޔުނިވަރސިޓީގެ ކެމްޕަހަށް އަމާޒުކޮށް ދީފައިވާ ޙަމަލާގައި ބޮން ގޮއްވައިލާފައި ވަނީ އޯލް މަނިޕޫރް ސްޓޫޑެންޓްސް ޔޫނިއަން (އޭއެމްއެސްޔޫ)ގެ އޮފީހުގެ ތެރޭގައި ކަމުގައެވެ. އެ ޔުނިވަރިސިޓީއަށް އަމާޒުކޮށް ދިން ޙަމަލާއަށް ފަހު މަނިޕޫރްގެ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ ޔުނައިޓެޑް ކޮމިޓީ މަނިޕޫރުގެ އޮފީހުގައި ހުޅުޖަހައި ޙަމަލާ ދީފައިވެއެވެ. އެ ޙަމަލާއާ ގުޅޭ ގޮތުން އިމްފާލްގެ ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.