ޚަބަރު

ޔަހޫދީންގެ ޢުދުވާންތައް ހުއްޓުވުމުގެ މަޝްވަރާތައް އަލުން ފަށައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި އަލުން މަޝްވަރާތައް ފަށައިފިއެވެ. އެއީ ޤަޠަރާއި މިޞްރުން އިސްނަގައިގެން ކުރިއަށް ގެންދާ މަޝްވަރާތަކެކެވެ. އެ މަޝްވަރާތަކުގައި އެމެރިކާގެ އިތުރުން ޔަހޫދީންގެ ޖާސޫސީ އިދާރާ މޮސާދުގެ އިސްވެރިން ވެސް ބައިވެރިވެއެވެ.

ހުސްވި ހަފުތާގެ ތެރޭގައި ޤަޠަރާއި މިޞްރުން ވަނީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނާ އެކު ވެސް ވާހަކަތައް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ޙަމާސް ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ޙަމާސުން ބުނީ އެ ޖަމާޢަތާ އެކު ބާއްވާފައިވާ މަޝްވަރާތަކުގެ ނިންމުންތައް ޕެރިހުގައި މިހާރު ކުރިއަށްދާ ވާހަކަތަކުގައި ޤަޠަރާއި މިޞްރުން ޔަހޫދީންނަށް ހުށަހަޅާނެ ކަމުގައެވެ. އަދި ޕެރިހުގެ މަޝްވަރާތަކުގެ ނަތީޖާއަށް އިންތިޒާރު ކުރަމުންދާ ކަމުގައެވެ.

މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޣައްޒާގެ ދެކުނުގައި އޮތް ރަފަޙުގައި ތިބި 1.5 މިލިޔަނެއްހާ މީހުންގެ ފުރާނަ ސަލާމަތް ކުރުމެވެ. ރަފަޙުގައި ތިބި މީހުންގެ ތެރެއިން ގިނައީ ޔަހޫދީ ފައުޖުން ޣައްޒާގެ އެހެން ރަށްތަކަށް ދެމުން ދިޔަ ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތްވުމަށް ރަފަޙަށް ދަތުރު ކުރި މީހުންނެވެ. އެ މީހުން ދިރިއުޅެމުން ދަނީ ފޭލިގެތަކާއި ވަޤުތީ ހިިޔާތަކުގައި ތޮއްޖެހިފައިވާ ހާލުގައެވެ.

ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން ރަފަޙަށް އަރައި ޢުދުވާންތައް ފުޅާ ކުރަން މަސައްކަތް ކުރަމުންނެވެ. އަދި ޙަމާސް ޖަމާޢަތާ އެކު އެއްބަސްވުމެއް އެކުލަވައިނުލެވިއްޖެ ނަމަ ރަފަޙަށް އަރާނެ ކަމުގައި ޔަހޫދީން ވަނީ ބުނެފައެވެ. ނަމަވެސް ރަފަޙަށް ޢުދުވާންތައް ފުޅާކޮށްފި ނަމަ އެތަކެއް ހާސް ބައެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށް ބުނެ އދއާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވަނީ އިންޒާރު ދީފައެވެ. އެމެރިކާއިން ވެސް ވަނީ ރަފަޙަށް ނޭރުމަށް ޔަހޫދީ ފައުޖަށް ގޮވައިލާފައެވެ.

މި މަހުގެ ކުރީކޮޅު ޕެރިހުގައި ބޭއްވި މަޝްވަރާތަކުގައި ޔަހޫދީން ގަބޫލުވާ ކަންކަމާ ގުޅޭ އެއްބަސްވުމެއްގެ ދެލިކޮޕީއެއް ވަނީ އެކުލަވައިލާފައެވެ. އެ ދެލިކޮޕީ ޙަމާސަށް ހުށަހެޅުމުން އެ ޖަމާޢަތުން ވަނީ އައު އެއްބަސްވުމެއްގެ ދެލިކޮޕީއެއް އެކުލަވައިލާފައެވެ. ނަމަވެސް ޙަމާސްގެ އައު ހުށަހެޅުންތަކަށް ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ.

ޙަމާސުން ބުނަނީ އެ ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރާނީ ޔަހޫދީ ފައުޖުގެ ހުރިހާ ސިފައިން ޣައްޒާއިން ބޭލުމަށް އެއްބަސްވުމުން ކަމުގައެވެ. އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި 100އަށްވުރެ ގިނަ އަސީރުން ތިބި ކަމަށް ބެލެވެއެވެ. ނަމަވެސް ޙަމާސް ޖަމާޢަތް ނައްތައިލުމަށް ފަހު ނޫނީ ޣައްޒާއިން ޔަހޫދީ ސިފައިން ނުބާލާނެ ކަމުގައި ޔަހޫދީން ދަނީ ބުނަމުންނެވެ.

މި ޢުދުވާންތައް ހުއްޓައިލުމަށް ފަހު ޣައްޒާގެ ކަންކަން ބަލަހައްޓާނެ ގޮތަކާ ގުޅޭ ރޭވުމަށް ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫ ވަނީ ހުށަހަޅާފައެވެ. އޭނާ ބުނީ ޙަމާސް ޖަމާޢަތް ނައްތައިލުމަށް ފަހު ޣައްޒާގައި އަަމަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ޔަހޫދީ ފައުޖުގެ ސިފައިން ކަމުގައެވެ. އަދި, ޣައްޒާގައި ވެރިކަން ކުރުމުގެ ފުރުޞަތު ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރީޓީ (ޕީއޭ)އަށް ދިނުމަށް ވެސް ނަތަންޔާހޫގެ ރޭވުމުގައި ދެކޮޅު ހަދާފައިވެއެވެ. ނަމަވެސް އެއީ އެމެރިކާއިން ރުހޭ ކަމެއް ނޫނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާއަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން އެއް ޙަމަލާ އަމާޒު ކޮށްފައި ވަނީ ދީރް އާލްބަލަޙުގައި ހުރި ވަޤުތީ ހިޔާއަކަށެވެ. އެ ޙަމަލާގައި ފަލަސްޠީނުގެ ޢާންމުންގެ 24 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 30,000އަށް އެރުމާ ގާތުގައެވެ.