ޚަބަރު

ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް 30 ދުވަހަށް ގޭބަންދަށް!


ހަނގުރާމަވެރި ހަތިޔާރު ގެންގުޅުއްވިކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރ ކާރނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް 30 ދުވަހަށް ގޭބަންދަށް ބަދަލުކުރައްވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާއަށް މަޢުލޫމާތުދެއްވަމުން ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނާޒިމް ގޭބަންދަށް ބަދަލުކުރެއްވުމަށް ނިންމަވައިފައިވަނީ ނާޒިމް ޖަލުޙުކުމް ތަންފީޒުކުރައްވަމުން ގެންދެވި އައްސޭރިޖަލުގެ އެޕާޓްމަންޓްގެ މަރާމާތެއް ކުރިއަށްދާތީ ކަމަށެވެ. ނާޒިމް ގޭބަންދަށް ބަދަލުކުރައްވާފައިވަނީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގަތުމަށްފަހު މިއަދުގެ މެންދުރުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމުންނެވެ.

ކަރެކްޝަނަލް ސަރވިސްއިން ކުރިން ވަނީ ހިންމަފުށީ އައްސޭރި ޖަލުގައި ޖަލު ޙުކުމް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި، ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރައްވާފައެވެ. ނާޒިމް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުއްވިކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމަށް ހައިކޯޓުންވެސް ތާއީދުކުރައްވާފައިވެއެވެ. ނާޒިމް ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެއްވުމަށް ނިންމަވާފައެވެ.