ޚަބަރު

ރައީސް ބައިވެރިވެވަޑައިގަންނަވާ "އަހާ" ފޯރަމް މިރޭ


  • ފޯރަމް އޮންނާނީ މިރޭ 8:45 ގައި ސަލްޓަން ޕާކުގައި

  • ސުވާލު ފޮނުވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ އާހާ ޕްރޮގްރާމްގެ ދެވަނަ ފޯރަމް މިރޭ އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުކަމަށެވެ،

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ މި ފޯރަމް އޮންނާނީ ސަލްޓަން ޕާކުގައި 8:45ގައެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތުދިނުމަށް ބާއްވާ ފޯރަމް ދެ ގޮތަކަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބައެއް ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖައްސާފައިވާއިރު، އެހެން ފޯރަމްތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ވަޒީރުންނެވެ.

މިރޭގެ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވާނެއެވެ.

އަހާ ޕްރޮގްރާމްގެ ފުރަތަމަ ފޯރަމް ބާއްވާފައި ވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ.

ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.