ޚަބަރު

ސަބްމެރިން ޑްރޯން ބޭނުންކޮށް ޙޫޘީންގެ ޙަމަލާތައް ފުޅާ ކުރަނީ


ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ ޔަހޫދީންނާ ގުޅުން ހުރި އުޅަނދުފަހަރަށް ޙަމަލާދިނުމަށް ސަބްމެރިން ޑްރޯން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކުރަން ފަށާފައިވާނެ ކަމުގައި ޔަމަނުގައި ޙަރަކާތްތެރިވާ ހޫޘީ ޖަމާޢަތުން ބުނެފިއެވެ. ރަތް ކަނޑުގައި ދަތުރުކުރާ އާގުބޯޓުފަހަރަށް ހޫޘީން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމުން އެ ކަން ހުއްޓުވަން ބާރު އެޅުމުގެ ގޮތުންނެވެ.

ހޫޘީ ޖަމާޢަތުގެ އިސްވެރިޔާ ޢަބްދުލްމާލިކު އަލް-ޙޫޘީ ވިދާޅުވީ ރަތް ކަނޑުގެ އިތުރުން ބާބް އަލްމަންދަބީ ކަނޑާއި ޢަދަން ކަނޑާއި ޢަރަބި ކަނޑުގައި ދަތުރުކުރާ އުޅަނދުފަރަހަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައިވާނެ ކަމުގައެވެ. އެ ޙަމަލާތަކުގައި ނުރައްކާތެރި ހަތިޔާރެއް ކަމުގައިވާ ސަބްމެރިން ޑްރޯން ބޭނުން ކުރަން ފަށާފައިވާ ކަން ޙޫޘީ ޖަމާޢަތުން ހާމަކޮށްފައިވީ ނަމަވެސް, އަލްޙޫޘީ އެ ކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ހާމަ ކުރައްވާފައެއް ނުވެއެވެ.

ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން ހުރި އާގުބޯޓުފަހަރާއި އެ ޤައުމާ ގުޅުން ހުރި އުޅަނދު ފަހަރަށެވެ. އަދި އެ ޤައުމަށް މުދާ އުފުލާ އުޅަނދުފަހަރުގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގެ އާގުބޯޓުފަހަރަށް ވެސް ޙޫޘީން ވަނީ ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާންތައް ފުޅާ ކުރާ މިންވަރަކަށް ޙޫޘީންގެ ޙަމަލާތައް ފުޅާ ކުރާނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.

އަހަރެއްގެ މައްޗަށް ކަނޑުމަގުން އުފުލާ މުދަލުގެ 12 އިންސައްތަ ގެންދަނީ ރަތް ކަނޑު ހުރަސްކޮށެވެ. ނަމަވެސް, ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ރަތް ކަނޑުން ދަތުރު ކުރުމަށް އާގުބޯޓުފަހަރަށް ވަނީ ހުރަސް އެޅިފައެވެ. ވިލާތާއި އޭޝިޔާ ބައްރުގެ ޤައުމުތަކުގެ މެދުގައި ދަތުރުކުރާ މުދާ އުފުލާ އުޅަނދު ފަހަރު މިހާރު ދަތުރު ކުރަނީ އެފްރިކާ ބައްރުގެ ދެކުނު ތަނޑި ވަށައިލާފައެވެ. އެއީ ދިގު އަދި ޚަރަދު ބޮޑު ދަތުރެކެވެ.

ރަތް ކަނޑުގެ އިތުރުން ބާބް އަލްމަންދަބީއާއި ޢަދަން ކަނޑާއި ޢަރަބި ކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުން ހުރި އާގުބޯޓުފަހަރަށް ޙަމަލާ ދޭން ފެށުމުގެ ކުރިން ޙޫޘީން ވަނީ އެ ކަން އިންޝިޔުރަންސް ކުންފުނިތަކަށް އަންގައި އިޢުލާނު ކޮށްފައެވެ. އަދި ޔަހޫދީންނާ ގުޅުން ހުރި އެއްވެސް އުޅަނދަކުން އެ ކަނޑުތައް ހުރަސްކޮށް ދަތުރު ކުރުން މަނާ ކުރާ ކަމުގައި އިޢުލާނު ކޮށްފައެވެ.

ފެބުރުވަރީ 22 ވަނަ ދުވަހު ވެސް ޙޫޘީން ވަނީ ޔަމަނުގެ ޢަދަންގެ އައްސޭރިފަށުން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް މިސައިލް ޙަމަލާތަކެއް ދީފައެވެ. އިނގިރޭސިވިލާތުގެ ކަނޑު ދަތުރުފަތުރުގެ ވިޔަފާރިއާ ބެހޭ އިދާރާއިން ބުނީ ޙޫޘީންގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އައިލެންޑަރގެ ނަން ދީފައިވާ އިނގިރޭސިވިލާތުގެ އުޅަނދަކަށް ކަމުގައެވެ. އަދި އެ ޙަމަލާތަކުގައި އެ އުޅަނދުގައި ނުރައްކާތެރި އަލިފާނުގެ ޙާދީޘާއެއް ހިނގާފައިވާ ކަމުގައެވެ.

ފެބުރުވަރީ 18 ވަނަ ދުވަހު ވެސް ޙޫޘީން ވަނީ އިނގިރޭސިވިލާތުގެ އާގުބޯޓަކަށް ޙަމަލާ ދީފައެވެ. އާގުބޯޓުފަހަރަށް ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުނި އެމްބްރީން ބުނީ ޙޫޘީންގެ ޙަމަލާތަކާ ގުޅިގެން ރޫބީމާރްގެ ނަން ދީފައިވާ އުޅަނދުގައި ތިބި ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމުގައެވެ. އެ އުޅަނދު މިހާރު ބެހިގެންދާ ކަމަށް އެމްބްރީން ބުނެއެވެ. އެ އުޅަނދު ފެތުމުގެ ފުރުޞަތު އޮތް ކަމުގައި ޙޫޘީން ބުނެއެވެ.