ޚަބަރު

ރޭގެ ނިޔަލަށް މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދީފި


  • ހޯމަދުވަހުގެ ނިޔަލަށް 30 މިލިއަން ރުފިޔާ ޖަމާކޮށްދޭނެ

ކޫއްޑޫއަށް މަސް ކިރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ރޭގެ ނިޔަލަށް 70 މިލިއަން ރުފިޔާ ދީފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އައްޑޫއާއި ކުއްޑޫގައި ކުރިއަަށްދިޔަ އިހުތިޖާޖު ހުއްޓާލުމާއި ގުޅިގެން އެތަންތަނުގައި މަސް ކިރުވުމުގެ އޮޕަރޭޝަންތައް ފަށާފައިވާކަމަށެވެ.

ވުޒާރާއިން ވިދާޅުވީ ރޭގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ދެއްވާފައިވާ ޔަގީންކަމާއެކު ހޯމަދުވަހުގެ ކުރިން 30 މިލިއަން ރުފިޔާ ޖަމާކޮށްދޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާގެ ބަޔާނުގައި ވިދާޅުވީ މަސްވެތިކަމާއި ގުޅުންހުރި ފެސިލިޓީތައް ބަންދުވެފައި ހުރުމަކީ މަސްވެރިންނާއި މަސް ކުންފުނިތަކަށް އޭގެ ގެއްލުން ލިބޭނެކަމެއްކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާގޭ ބަޔާނުގައިވެއެވެ.

މި ބަޔާނުގައި އެ ވުޒާރާއިން ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ އަވަހަށް ދޫކުރުމުގައި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކޮށްދެއްވި މަސައްކަތާއި ދެއްވި އިރުޝާދު ފާހަގަކުރައްވައި، އެކަމަށް ޝުކުރު ދަންނަވާފަޢެވެ..