ޚަބަރު

ރައީސުލްޖްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ "އަހާ" ފޯރަމް މާދަމާރޭ


  • ރައްޔިތުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވާނެ

ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ އާހާ ޕްރޮގްރާމްގެ ދެވަނަ ފޯރަމް މާދަމާރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މާދަމާރޭގެ ފޯރަމްގައި ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުކަމަށެވެ،

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވާ މި ފޯރަމް އޮންނާނީ ސަލްޓަން ޕާކުގައި މާދަމާރޭ 8:45ގައެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ބެހޭގޮތުން ރައްޔިތުންނަށް މައުލޫމާތުދިނުމަށް ބާއްވާ ފޯރަމް ދެ ގޮތަކަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ބައެއް ފޯރަމްތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖައްސާފައިވާއިރު، އެހެން ފޯރަމްތަކުގައި ބައިވެރިވެވަޑައިގަންނަވާނީ ވަޒީރުންނެވެ.

މާދަމާރޭގެ ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ އިތުރުން ރައްޔިތުންގެ ހުރި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވާނެއެވެ.

އަހާ ޕްރޮގްރާމްގެ ފުރަތަމަ ފޯރަމް ބާއްވާފައި ވަނީ މިދިޔަމަހުގެ 25 ވަނަ ދުވަހުއެވެ. އެ ފޯރަމްގައި ބައިވެރިވެވަޑައިގަންނެވީ

1- އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު: ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު
2- އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު: މުޙައްމަދު ސަޢީދު
3- އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު: ޢާއިޝަތު ޝިހާމް
4- އިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު: ޑރ.ޢަބްދުﷲ މުއްޠަލިބް
5- ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު: ޢަބްދުﷲ ރާފިޢު

ވަޒީރުންގެ ޕަބްލިކް ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.