ޚަބަރު

ހިޔާވެހި ޕޯޓަލްއާއެކު ސްކީމްތަކަށް ކުރިމަތިލުން އެތައް ގުނައެއް ފަސޭހަވާނެ: ޑރ. ހައިދަރު


  • ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.އައިޝަތު ޝިހާމް

ސަރުކާރުން އިފްތިތާޙުކުރި ހިޔާވެހި ޕޯޓަލްއާއެކު ގެދޮރުވެރިކަމުގެ ސްކީމްތަކުގެ މައުލޫމާތު ހޯދައި، އެ ސްކީމްތަކުގައި ބައިވެރިވުމަށް އެތައް ގުނައެއް ފަސޭހަވެގެން ދާނޭކަމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ މިހެން ވިދާޅުވީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް މައުލޫމާތު އެއްކުރާ ޑިޖިޓަލް ޕްލެޓްފޯމް އިފްތިތާހުކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ "ހިޔާވެހި" ޕޯޓަލް، ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ މުހިއްމު މަސައްކަތެކެވެ.

ހައުސިންގ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.އައިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވީ ހިޔާވެހި ޕޯޓަލްއަކީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ އެކި އެކި މަޝްރޫޢުތަކާއި ހިދުމަތްތައް ސިންގަލް ވިންޑޯ ޑިޖިޓަލް ޕްލެޓްފޯމަކުން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ޕޯޓަލްގެ ތެރެއިން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ހައުސިންގ ސްކީމް އަދި ލޯނު ސްކީމްތަކަށް އެދުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތަކެއް ރައްޔިތުންނަށް ހޯދައިދެވޭނެކަމަށެވެ. މީގެއިތުރުން ރާއްޖޭގައި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި ފަރާތްތައް ދެނެގަތުމަށާއި ކައުންސިލްތައް މެދުވެރިކޮށް ހައުސިންގ ނީޑްސް އެސެސްމަންޓް ހެދުމަށް ހަރުދަނާ ގޮތްތަކެއް ހޯދައިދިނުމަކީވެސް ޕޯޓަލްގެ ބޭނުމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިއަށް ރާވާފައިވާ މަޝްރޫޢުތަކާއި އެކި އެކި ސްކީމްތަކާއި ލޯނު ސްކީމްތަކުގެ މައުލޫމާތު ލިބޭނެ. އާއްމުން ކުރައްވަންޖެހޭ ކަމަކީ އޭގައި ހުންނަ މައުލޫމާތު އަބަދުވެސް އަދާހަމަކޮށްފައި ބެހެއްޓުން. އިތުރު ބޭފުޅަކު ލިބިވަޑައިގެންފިއްޔާ އެކަންވެސް އަޅުގަނޑުމެންނަށް ވެރިފައި ކުރެވޭނެ. އެއްތަނުން އަނެއް ތަނަށް ބަދަލުވަންޏާ އެ މައުލޫމާތުވެސް ޖެހޭނެ ވީހާވެސް އަވަހަށް އަޕްޑޭޓްކޮށްދޭން" ވަޒީރު ވިދާޅުވިއެވެ،.

މިިނިސްޓަރ ވިދާޅުވީ މި ޕޯޓަލްގައި ރަޖިސްޓްެރީވާ ފަރާތްތަކުގެ މައުލޫމާތުތަކުގެ ތެރެއިން ދައުލަތުގެ ވުޒާރާތަކުން ލިބެންހުރި މައުލޫމާތު ޕޯޓަލްގައި ހުންނާނެކަމަށް އަދި ޒާތީ މައުލޫމާތުތަކުގެ ސިއްރުކަން ހިފެހެއްޓުމަށް ފިޔަވަޅުތައް އަޅާފައި ހުންނާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.