ޚަބަރު

ރިޓަޔަރވާ ފަރާތްތަކަށް އެލަވަންސްދިނުމަށް ޤާނޫނީ މަސައްކަތްދަނީ ކުރަމުން: ރައީސް


  • މިކަމަށް ޤާނޫނުގެ ތެރެއިން މަގުފަހިކުރަންޖެހޭ ކަމަށް ވިދާޅުވި

ސިވިލް ސަރވަންޓުންގެ ތެރެއިން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔަރވާ ފަރާތްތަކަށް އެލަވަންސްދިނުމަށް ބޭނުންވާ އިދާރީ އަދި ޤާނޫނީ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުމުރުން 55 އަހަރު ވެގެން ރިޓަޔަރވާ ސިވިލްސާވިސް މުވައްޒަފުންނަށް އެލަވަންސެއް ލިބެމުންދާނެ ގޮތެއް ނޯންނާތީ އެކަމާ ގުޅޭގޮތުން ގއ.ގެމަނަފުށީ ސްކޫލް ޓީޗަރެއްކަމުގައިވާ، އެރަށު، މުޝްތަރީގޭ، މުޙައްމަދު ނާފިޒް ރައީސްގެ ޖަވާބު ޕްރޮގްރާމުގައި ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

މިސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 55 އަހަރާ 65 އަހަރާ ދޭތެރޭ ރިޓަޔަރމަންޓަށްދާ ފަރާތްތަކަށް އެލަވަންސެއް ތަޢާރަފްކުރެއްވުމަކީ އެމަނިކުފާނުގެ ވަޢުދުފުޅެއް ކަމަށެވެ. އަދި މިކަމާ ގުޅޭ އިދާރީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް ޓީމުން އެޓަރނީ ޖެނެރަލްގެ އޮފީހާ ގުޅިގެން މިހާރު ފަށްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމަށް ޤާނޫނުގެ ތެރެއިން މަގުފަހިކުރަންޖެހޭ ކަމަށެވެ. އަދި މަޖިލީހަށް ފޮނުވަންޖެހޭ އިސްލާހްތައް ހުރުމުން އެކަމަށް ބޭނުންވާ އިދާރީ އަދި ޤާނޫނީ މަސައްކަތް މިހާރުކުރެވެމުންދާ ކަމަށެވެ.

"ތިވިދާޅުވި ކަންތަކަށް ހައްލެއް ގެނެސްދޭނަން އިރާދަކުރެއްވިއްޔާ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް ތެރެއިން ގެންނަންޖެހޭ އިސްލާޙްތަކެއް ހުންނާނެ ކަމަށް ލީގަލީ މަޢުލޫމާތު ލިބިފައި އޮތީ. އެހެންވީމަ އެމަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ. އެކަމަށް ހައްލެއް ގެނެސްދޭނަން ވަޢުދުވިގޮތަށް. އަދި ވިދާޅުވި ކަމަށް ރަނގަޅު ހައްލެއް ގެނެސްދޭނަން" ރައީސް ވިދާޅުވިއެވެ.

ނާފިޒް ވަނީ އާއްމުކޮށް ރާއްޖޭގެ ރައީސަކާ ބައްދަލުކޮށްލުމަށް މިފަދަ ފުރުސަތެއް ނުލިބޭކަން ފާހަގަކުރައްވާ ރައީސާ ބައްދަލުކޮށްލުމުގެ ފުރުސަތު ލިބުމުން ރައީސަށް ޝުކުރުއަދާކުރައްވާފައެވެ.