ޚަބަރު

ޔަހޫދީ ފައުޖުން ރަފަޙަށް ބޮންއަޅައި އަލްނޫރު ޢާއިލާގެ މެންބަރުން ޝަހީދުކޮށްލައިފި


ފަލަސްޠީނުގެ ޢައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙުގައި ހުރި ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްގައި އެ ޢިމާރާތުގައި ދިރިއުޅޭ ޢާއިލާގެ ގިނަ ޢަދަދެއްގެ މެންބަރުން ޝަހީދުކޮށްލައިފިއެވެ. ރަފަޙުގައި އަލްނޫރު ޢާއިލާއިން ދިރިއުޅޭ ޢިމާރާތަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި އެ ޢާއިލާގެ 12އަށްވުރެ ގިނަ މެންބަރުން ޝަހީދު ކޮށްލާފައިވެއެވެ. ނަމަވެސް އެ ޢަދަދު ސާފެއް ނޫނެވެ.

ޔަހޫދީ ފައުޖުން ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި ވަނީ ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމަށް ޤަޠަރާއި މިޞްރުން ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ. މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ އެއްގަމު މަގުން ޣައްޒާއަށް އަރައި ޢުދުވާންތައް ފުޅާ ކުރަން ތައްޔާރުވަމުންނެވެ.

ރަފަޙުގައި މި ވަގުތު 1.5 މިލިޔަނަށް ވުރެ ގިނަ ޢަދަދަކަށް ފަލަސްޠީން ރައްޔިތުން އެބަތިއްބެވެ. އެ ރަށުގެ ރައްޔިތުން ބުނީ ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކާއި މަނަވަރުން ވެސް އެ ރަށަށް ޙަމަލާދެމުންދާ ކަމުގައެވެ. ޔަހޫދީ ފައުޖުން އަލްނޫރު ޢާއިލާ ދިރިއުޅޭ ގެއަށް ދީފައިވާ ޙަމަލާތަކުގައި އެ ޢިމާރާތް ވަނީ ސުންނާފަތި ކޮށްލާފައެވެ.

ރަފަޙުގެ ރައްޔިތެއް ކަމުގައިވާ ޢަބްދުއްރަޙްމާން ޖުމުޢާ ބުނީ ޔަހޫދީންގެ ޙަމަލާގައި އޭނާގެ އަންހެނުން, ނޫރްއާއި ދޮޅު އަހަރުގެ ދަރިފުޅު ޝަހީދުކޮށްލާފައިވާ ކަމުގައެވެ. އެ ޙަމަލާގައި ނޫރްގެ މައިންބަަފައިންނާއި ބޭބެއާއި ޢާއިލާގެ އެހެން މެންބަރުން ވެސް ވަނީ ޝަހީދުކޮށްލާފައެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާތައް މި ވަގުތު އެންމެ ވަރުގަދަ ކޮށްފައި ވަނީ ރަފަޙާ އިންވެގެން އޮންނަ ޚާން ޔޫނިސްގައެވެ. އެ ރަށުގެ ރައްޔިތުން ބުނީ އެ ރަށާ އިންވެގެން އޮތް އާލްމަވާޞީއަށް ވެސް ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން މިހާރު އަރާފައިވާ ކަމުގައެވެ. އެ ރަށުގައި ވެސް ޔަހޫދީ ފައުޖުގެ ޢުދުވާންތަކުން ސަލާމަތްވުމަށް ފަލަސްޠީނުގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ދަނީ ރައްކާތެރިކަން ހޯދަމުންނެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 29,303އަށް އުފުލިފައިވާ ކަމުގައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 69,333އަށް އަރައެވެ.

ޔަހޫދީންގެ ޢުދުވާންތަކާ ގުޅިގެން ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ވެސް އޮތީ ހުރަސް އެޅިފައެވެ. އދއިން ބުނީ, ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައިވާ ނުވާ ކަމުގައެވެ. އަދި, ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން ޔަހޫދީ ފައުޖުން ހުރަސް އަޅާފައިވާ ކަމުގައެވެ.