ޚަބަރު

ޔަހޫދީން ދިމިިޝްޤަށް ބޮންއަޅައި ޢާންމުންގެ ދެ މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ އިސްތިޢުމާރީ ފައުޖުން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ބޮންއަޅައި ޢާންމުންގެ ދެ މީހުން ޝަހީދުކޮށްލައިފިއެވެ.

ސޫރިޔާގެ ދަޢުލަތުގެ މީޑިޔާއާއި ސަލާމަތީ މަސްދަރުތަކުން ބުނީ ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ދިމިޝްޤުގެ ކަފަރުން ސޫސާ އަވަށުގައި ހުންނަ ޢާންމުން ދިރިއުޅޭ ޢިމާރާތަކަށް ކަމުގައެވެ. އެ ޢިމާރާތަށް ޔަހޫދީ ފައުޖުން ބޮން އަޅާފައި ވަނީ ހެނދުނުގެ ވަޤުތުގައެވެ. އެ ޙަމަލާގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވެއެވެ. އަދި ޝަހީދުވެފައި ވަނީ ޢާންމުންގެ ދެ މީހުން ކަމަށް ސޫރިޔާގެ ސަލާމަތީ ބާރުގެ މަސްދަރުތަކުން ކަށަވަރު ކޮށްދެއެވެ. އޭގެ ތެރޭގައި އީރާނުގެ އެއްވެސް ރައްޔިތެއް ނުހިމެނޭ ކަމުގައި އީރާނުގެ މީޑިޔާތަކުން ބުނެއެވެ.

ޔަހޫދީންގެ ޙަމަލާގައި ޢިމާރާތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ކަފަރުން ސޫސާއަކީ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި މަދަރުސާތަކުގެ އިތުރުން އީރާނުގެ ސަޤާފީ މަރުކަޒެއް ހުންނަ އަވަށެކެވެ. ޙަމަލާދިން ވަޤުތު އެ ސަރަޙައްދުގައި ހުންނަ މަދަރުސާގައި ގިނަ ޢަދަދެއްގެ ދަރިވަރުން ތިއްބެވެ. އެ ސަރަޙައްދުގައި ސޫރިޔާގެ އަސްކަރިއްޔާގެ މަރުކަޒެއް ވެސް ހުރެއެވެ. ހުސްވި އަހަރުގެ ފެބުރުވަރީ މަހު ވެސް ޔަހޫދީ ފައުޖުން ވަނީ އެ މަރުކަޒަށް ބޮން އަޅާފައެވެ. އެ ޙަމަލާގައި އީރާނުގެ އަސްކަރީ ދާއިރާގެ މާހިރެއް ޝަހީދު ކޮށްލިއެވެ.

ސޫރިޔާގެ 12 އަހަރުވީ ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރް ހާފިޛް އަލްއަސަދުގެ ފައުޖުތަކަށް އީރާނުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ޙިޒްބުاللهން ވެސް ސޫރިޔާގެ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވެއެވެ. ސޫރިޔާގެ ސަރުކާރު ފައުޖުތަކާއި އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަމާޒުތަކަށް ޔަހޫދީ ފައުޖުން ދަނީ ދޭތެރެދޭތެރެއިން ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މިހާތަނަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ހައެއްކަ އޮފިސަރުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި އިސް ކޮމާންޑަރުން ވެސް ހިމެނެއެވެ. އެ ކަމާ ގުޅިގެން, އީރާނުން ވަނީ ސޫރިޔާގައި ތިބި އެ ޤައުމުގެ ގިނަ އަސްކަރީ ކޮމާންޑަރުން އަނބުރައި ޤައުމަށް ގެންގޮސްފައެވެ.