ޚަބަރު

ގިނަ ދުވަސްވެފައިވާ 56 އުޅަނދު ފަސް ދުވަސް ތެރޭގައި ނައްތާލައިފި


  • ވެހިކަލް ނައްތާލުމުގެ މަސައްކަތް ފެށީ މިދިޔަ ހޮނިހިރު ދުވަހު

  • ހަތަރު ފުރޮޅުލީ 56 އުޅަނދުވަނީ ނައްތާލާފައި

މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް 50 އަށް ވުރެ ގިނަ އުޅަނދު ނައްތާލައިފިއެވެ. މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފެށީ މިމަހުގެ 17 ވަނަ ދުވަހުގައެވެ.

އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށްގެންދާ މި މަސައްކަތަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އިއްޔެގެ ނިޔަލަށް ގިނަ ދުވަސްވީ ބައު އުޅަނދުތަކުގެ ތެރެއިން ހަތަރު ފުރޮޅުލީ 56 އުޅަނދެއް ނައްތާލާފައިވާކަމަށެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބައިގައި ކުރިއަށް ގެންދަނީ މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އެގޮތުން މިމުއްދަތުގެ ތެރޭގައި ލިބޭ އެޕްލިކޭޝަންތަކާއި ގުޅިގެން ވެރިފަރާތާއި ގުޅައި އެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާނެކަމަށާއި މައުލޫމާތު ސާފުކުރުމަށްފަހު އެއުޅަނދެއް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.