ޚަބަރު

ނަޒާޙަތްތެރިކަމުގެ ވަޢުދުގައި ފުވައްމުލަކުން ބައިވެރިވެއްޖެ


ނަޒާޙަތްތެރިކަން ކުރިއެރުވުމުގައި ނަމޫނާ ދައްކަވައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ފުވައްމުލަކު ކައުންސިލްތަކުން ބައިވެރިވެވަޑައިގެން، އިޤްރާރުގައި ސޮއިކުރައްވައިފިއެވެ.

ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ފުވައްމުލަކުގެ ހަ ކައުންސިލަކުން ވަނީ ސޮއިކުރައްވާފައެވެ.

ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގެ ސޮއިކުރުމުގެ މައިގަނޑު ބޭނުމަކީ، ނަޒާޙަތްތެރިކަން ކުރިއަރުވާ ޕްރޮމޯޓްކޮށް، ނަމޫނާ ދައްކައި، ކޮރަޕްޝަނާ ދުރިހެލިވެފައިވާ މުޖުތަމަޢެއް ބިނާކުރުމަށް ބާރު އެޅުމެވެ. މި ވަޢުދުގައި ސޮއިކުރައްވައި، ކޮރަޕްޝަންގެ ޢަމަލުތަކުން ދުރުހެލިވެ، އަދި އެހެން މީހުން ދުރުހެލިކުރުމަށް މަސައްކަތްކުރުމުގައި އެކި މުއައްސަސާތަކުން އަންނަނީ ބައިވެރިވަމުންނެވެ.

ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ފުވައްމުލަކު ކައުންސިލްތަކުން ބައިވެރިވެވަޑައިގެން، އިޤްރާރުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ، ނަޒާޙަތްތެރިކަން ކުރިއަރުވަން ފަރުދީ ފެންވަރެއްގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި މިފަދަ ވަޢުދެއްގައި ކައުންސިލްތަކުން ސޮއިކުރެއްވުމުގެ ބޭނުމަކީ ނަޒާޙަތްތެރިކަން ކުރިއެރުވުމަށް ކައުންސިލްތަކާއި ޢާންމު ފަރުދުން ގުޅިގެން ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް ހިތްވަރުދެއްވުން ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ފަލާޙު ޝަރީފް ދެއްކެވި ވާހަކައިގައި، ކޮރަޕްޝަން ނައްތާލައި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ޒިންމާ ވަކި މުއައްސަސާޔަކާ ޙަވާލުކުރައްވާފައިވީ ނަމަވެސް، ކޮރަޕްޝަންގެ ވަބާއިން ޤައުމު ސަލާމަތް ކުރެވޭނީ ފަރުދީ ފެންވަރެއްގައި އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރެއްވިއެވެ. އަދި ނަޒާޙަތްތެރިކަމުގެ ދުވަހެއް ފާހަގަކުރާއިރު، އެދުވަސް ފާހަގަކުރުމުގެ މަޤްޞަދާ މެދު ފުންކޮށް ވިސްނަންޖެހޭކަމަށް ފަލާޙު ވިދާޅުވިއެވެ.

ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ފުވައްމުލަކު އަތޮޅު ކައުންސިލްތަކުގެ އިތުރުން ފުވައްމުލަކުގައި ހުރި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން ވަނީ ސޮއިކޮށްފައެވެ. އަދި މި ވަޢުދުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ދުއިސައްތަ ރަށުގައި އެއްވަގުތެއްގައި ވަނީ ސޮއިކޮށްފައެވެ.