ޚަބަރު

ފަލަސްޠީން ފަންޑަށް ރާއްޖެއިން ދޭ އެހީ އިތުރުކުރަން މަޝްވަރާކުރާނެ: ވަޒީރު


  • ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި މޫސާ ޒަމީރު ވަނީ މުހިއްމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައި

ދިވެހިރާއްޖެއިން ފަލަސްޠީނުގެ ޔޫއެން ރިލީފް އެންޑް ވޯކް އެޖެންސީ ފޮރ ޕަލަސްޓީނިއަން ރެފިއުޖީސް"، ފަންޑަށް ފޯރުކޮށްދޭ މާލީ އެހީ އިތުރުކުރުމުގެ މަޝްވަރާ ދިވެހި ސަރުކާރުން ކުރިއަށްގެންދަވާނެކަމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމާއި އަދި ހަމަލާ ދިނުން ވަގުތުން ހުއްޓާލުމަށް ދިވެހި ސަރުކާރުން ބާރުއެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޤަރާރަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ހާޒިރުކުރައްވާފައެވެ. މިކޮމިޓީގައި ވަޒީރު ވަނީ ފަލަސްޠީނު މައްސަލައިގައި ރާއްޖެއިން ޢަމަލުކޮށްފައިވާގޮތުގެ ތަފްސީލު ހާމަކުރައްވާފައެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ދިވެހި ސަރުކާރުން ފަލަސްޠީނަށް ފޯރުކޮށްދީފައިވާ މާލީ އެހިތެރިކަމުގެ ތަފްސީލުވެސް މިނިސްޓަރ ހިއްސާކުރެއްވިއެވެ. އެގޮތުން 2000 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރައި ހަމައަށް ސަރުކާރުން ކޮންމެ އަހަރަކު 1000 ޑޮލަރު ޔޫއެން ރިލީފް އެންޑް ވޯކް އެޖެންސީ ފޮރ ޕަލަސްޓީނިއަން ރެފިއުޖީސް"، ފަންޑަށް ވަނީ ފޯރުކޮށްދެއްވާފައެވެ. އަދި 2021 ވަނަ އަހަރު 6000 ޑޮލަރު، 2022 އަދި 2023 ވަނަ އަހަރު، 5000 ޑޮލަރު މިފަންޑަށް ހަދިޔާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިތަފްސީލާއެކު ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީގެ މެމްބަރު ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވަނީ ދިވެހި ސަރުކާރުން ފަލަސްޠީނު ފަންޑަށް ފޯރުކޮށްދޭ އެހީ އިތުރުކުރުމަށް ސަރުކާރަށް ޚިޔާލުދެއްވާފައެވެ. މިޚިޔާލު ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެ ހާރިޖީ ވަޒީރު ވިދާޅުވީ އެކަމުގައި ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކޮށް، ރާއްޖެއިން ފޯރުކޮށްދޭ އެހީ އިތުރުކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ އަނިޔާއާ ދެކޮޅަށް ފަލަސްޠީނުގެ މުޖާހިދުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ދިން ޙަމަލާއާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޣައްޒާއާއި އެސަރަޙައްދުގެ ވަށައިގެންވާ ސަރަޙައްދުތައް އިސްރާއީލުން ދަނީ ސުންނާފަތިކުރަމުންނެވެ.

މިކަމާއި ދެކޮޅަށް ރާއްޖެއިން އަންނަނީ ބައިނަލްއަޤުވާމީ އެކި ޕްލެޓްފޯމްތަކުގައި ފަލަސްޠީނުގެ ހައްގުގައި އަޑު އުފުލަމުންނެވެ. މިގޮތުން މިހާރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ހިންގަމުންދާ އިސްރާއީލުގެ މައްސަލައިގައި ފަލަސްޠީނުގެ ފަރާތުން ރާއްޖެއިން ބަޔާނެއް ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. މިބަޔާން އިއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގައެވެ.