ޚަބަރު

ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މުޤައްރަރު އެކުލަވައިލައްވަން ފަށައިފި


ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ މުޤައްރަރުތައް އެކުލަވައިލުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢަށް ބޭނުންވާ މުޤައްރަރުތައް އެކުލަވައިލައި ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގެ ރިސާޗް ޕްރޮގްރާމްތަކުގެ ދަށުން ދިވެހިބަހަށް ގެންނާނެ އެކިދާއިރާތަކުގެ ޢިލްމުތައް ދެނެގަނެ އެކުލަވައިލުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މުޤައްރަރުތައް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތްތަކެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަކީ، ދިވެހި ޤައުމިއްޔަތު ނުވަތަ ދިވެހިވަންތަކަން އިއާދަކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލައްވާފައިވާ 5 އަހަރުގެ ޤައުމީ މަޝްރޫޢުގެ ދަށުން ޤާއުމުކުރެއްވި މަރުކަޒެކެވެ. 18 ޖަނަވަރީ 2024 ގައި މި މަރުކަޒު އުފައްދަވާފައިވާއިރު، މި މަރުކަޒުން ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައި 5 އަހަރު ދުވަހުގެ ފީލްޑް ރިސާޗް ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ނިންމާފައެވެ.

ދިވެހީންގެ އެއްބައެއްވަންތަކަމާއި ދިވެހީން ދިވެހީންގެ ގޮތުގައި ދެމިއޮތުމުގެ ފިކުރެއް އާލާކޮށް ދެމެހެއްޓުމަށްޓަކައި ސޯޝިއޯ ޕޮލިޓިކަލް ތިއަރީތަކުގެ ނަޒަރުން ދިވެހި ޤައުމިއްޔަތާ ދޭތެރޭގައި ވިސްނައި ދިރާސާކުރުމަށްޓަކައި އެކުލަވައިލެވޭ މުޤައްރަރުތަކުގައި ހިމެނިފައިވަނީ މައިގަނޑު 3 ބައެކެވެ. އެއީ، އަސްލުވެހިކަމާއި ރަށްވެހިކަމާއި ތަރިކައިގެ ޢިލްމާއި ޤައުމުތަކާއި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އަދި ސަރަޙައްދީ ސިޔާސީ ބާރުވެރިކަމާއި އުފެއްދުންތެރިކަމާއި މާޙައުލަށް ބަދަލުގެނައުމުގެ ފަންނުތަކެވެ.

ރިސާޗް ޕްރޮގްރާމްތަކުގެ މައޤައްރަރުތައް އެކަށައެޅުމުމުގެ ޢަމަލީ މަސައްކަތް ނިންމައި، ކިޔަވައިދޭން ފަށާއިރު ފުރަތަމަ ކިޔަވައިދޭނީ ދިވެހި ތާރީޚާއި ރިސާޗް މެތަޑްސް އާއި ފީލްޑް ރިސާޗް އޮރިއެންޓޭޝަނެވެ. ދިވެހި ތާރީޚް ކިޔަވައިދިނުމުގެ އޮނިގަނޑު އެކުލަވައިލަނީ ދިވެހި ތާރީޚް ކިޔަވައިދެއްވާ ޢިލްމުވެރީންގެ މެދުވެރިކޮށެވެ. ބެއްލެވުމުގެދަށުންނެވެ.

ރިސާޗް ޕްރޮގްރާމްތަކަށް ބޭނުންވާ މުޤާއްރަރުތައް ތައްޔާރުކުރުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށް ދާއިރު، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒަށް ބޭނުންވާ 10 ވިލަރެސްވެރީން ހޯދުމުށް އިޢުލާނުކުރެވި އެކުދީން ވަޒަންކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށް އެބަދެއެވެ. ދިރާސާ މަރުކަޒު ހިންގުމަށް ސަރުކާރުން ހަމަޖައްސަވާފައި ވަނީ ކުރީގެ ސީއެޗްއެސްސީ އިމާރާތުގައެވެ. އިމާރާތުގެ މަރާމާތުގެ މަސައްކަތް ފަށައި، ވަރަށް އަވަހަށް އިތުރު 50 ވިލަރެސްވެރީން ހޯދުމަށް އިޢުލާނު ކުރެވޭނެއެވެ. ހަަމައެހެންމެ، ޤަައުމީ ޗާޕްޚާނާ އުފެއްދުމުގެ އިބްތިދާއީ މަޝްވަރާތައްވެސް މިހާރު ކުރިއަށް އެބަދެއެވެ.