ނިމިގެންދިޔަ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި މަސްއޮޑި ސްޕޯޓްސް ކުލަބުން ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވާނެ ދޮރެއް ހުޅުވާލަދިނުމަށް ކަމަށް އެ ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަލީ ޝިފާޒް ބުނެފިއެވެ.
2022 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ރަނަރަޕްކަން ހޯދި މަސްއޮޑިން ވަނީ މި ފަހަރުގެ ދެވަނަ ޑިވިޝަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރިކޯޑެއް ދަމަހައްޓާފައެވެ. އެގޮތުން މުބާރާތުގެ ފައިނަލް މެޗު މަސްއޮޑިން ކާމިޔާބުކުރީ ވިކްޓަރީ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. އަދި މިއާއެކު މަސްއޮޑި ވަނީ ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދާފައެވެ.
ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަމުން ޝިފާޒް ބުނީ ދިވެހި ފުޓްބޯޅަ އާއިލާގެ އިތުބާރު މަސްއޮޑި ސްޕޯޓްސް ކުލަބަށް ބޭނުންވާނެ ކަމަށާއި، އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވީ ހަމަނުޖެހުން އުފެއްދުމަށް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ތަޅާ ފޮޅާކަށް، ބަޔަކާ ހަސަދަލައިގެން ކުރާކަމެއް ނޫން މިއީކީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ދިވެހި ފުޓްބޯޅައަށް ޚިދުމަތްކުރުން. އަޅުގަނޑުމެން ބަލިވެސްވެއްޖެ. ތިންވަނަ ޑިވިޝަނުގެ ފައިނަލުން ބަލިވުމުން ސަލާން ކޮށްލާފައި، މަރުހަބާ ކިޔާފައި ގެއަށް ދިޔައީ.އަލީ ޝިފާޒް - މަސްއޮޑީގެ ޖެނެރަލް ސެކްރެޓަރީ
މީގެ އިތުރުން ޝިފާޒް ވަނީ ދިވެހި ފުޓްބޯޅަ އާއިލާއިން މަސްއޮޑި ސްޕޯޓްސް ކުލަބާ މެދު ދެކޭގޮތް ބަދަލުކުރަން ޖެހޭ ކަމަށްވެސް ބުނެފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ކޮމެންޓްކުރަން ނުތިބެ، މަސްއޮޑި ޓީމާއެކު، ދިވެހި ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމަށް ފުޓްބޯޅަ އާއިލާއަށް ޝިފާޒް ވަނީ ގޮވާލާފައެވެ. ޝިފާޒް ބުނީ ދިވެހި ފުޓްބޯޅަ އައު ހަރުފަތަކަށް ގެންދިޔުމައްޓަކައި މަސްއޮޑި ޓީމަކީ އެންމެ ބޮޑަށް މަސައްކަތްކުރާނެ އެއް ޓީމަށް ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އުފާވި ގޯލްޑް ކެޕްޓަން އަކުރަމް ޓީމުގެ ސަޕޯޓަރުންނަށް ތައުރީފުކޮށްފައި ކޮމެންޓް ކުރުމުން. އަޅުގަނޑުމެން މެޗު ޕެނަލްޓީއަށް ނުގޮސް ކާމިޔާބުކުރުމުގެ އެންމެ ބޮޑު ހިތްވަރަކީ ޓީމުގެ ސަޕޯޓަރުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ދިން ސަޕޯޓް.އަލީ ޝިފާޒް - މަސްއޮޑީގެ ޖެނެރަލް ސެކްރެޓަރީ
ޝިފާޒް ބުނީ މަސްއޮޑި ދެމިއޮންނާނީ ދިވެހި ފުޓްބޯޅައަށް ޚިދުމަތް ކުރުމުގައި ކަމަށާއި، ފުރަތަމަ ޑިވިޝަނަށް ނުކުންނަ އަލަތު ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގެ ތަށި ހޯދޭނެ ކަމަކަށް އުއްމީދު ނުކުރާ ކަމަށެވެ.
ދެވަނަ ޑިވިޝަނުގެ ތަށި ކާމިބުކުރި މަސްއޮޑި ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ ފަހަރަށް ވާދަކުރާއިރު، ހަތަރު އަހަރަށްފަހު ވިކްޓަރީވެސް ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ހޯދާފައެވެ.