ޚަބަރު

ފުވައްމުލަކުގައި ނަޒާޙަތްތެރިކަމުގެ ބިނާއެއް ހުޅުއްވައިފި


ޤައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރެއްވުމަށް ހިންގަވާ ޙަރަކާތްތަކުގެ ތެރޭގައި ހިމަނުއްވައިގެން ފުވައްމުލަކުގައި ނަޒާޙަތްތެރިކަމުގެ ބިނާއެއް ހުޅުއްވައިފިއެވެ.

މި ބިނާ ހުޅުއްވައިދެއްވީ ފުވައްމުލަކު އެއަރޕޯޓް ސަރަޙައްދުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޓޫރިޒަމްގެ ނާއިބު ޙުސައިން ލިރާރާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއެވެ. މިއަހަރުގެ ޤައުމީ އެންޓި ކޮރަޕްޝަން ދުވަސް ރަސްމީގޮތުން ފާހަގަކުރައްވަނީ ފުވައްމުލަކުގައެވެ.

ބިނާ ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓޫރިޒަމްގެ ނާއިބު ޙުސައިން ލިރާރު ވިދާޅުވީ، ފުދުންތެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ނަޒާޙަތްތެރިކަމުގެ އިސްކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ. ނަޒާޙަތްތެރިކަމުގެ ބިނާ ހުޅުއްވައިދެއްވުމަށްފަހު އޭސީސީގެ ރައީސް ވަނީ ނަޒާޙަތްތެރިކަމުގެ ބިނާ ފުވައްމުލަކު އެއަރޕޯޓާ ރަސްމީގޮތުން ޙަވާލުކުރައްވާފައެވެ.

ޤައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރެއްވުމުގެ ރަސްމީ ޖަލްސާ މިރޭ ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ. ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރައްވަނީ އެޕްރީލް މަހުގެ 21 ވަނަ ދުވަހެވެ. މިފަދަ ދުވަހެއް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ކޮރަޕްޝަނުގެ ގެއްލުމާމެދު މުޖުތަމަޢު ޙޭލުންތެރިކުރުވުމާއި، ކޮރަޕްޝަން ނައްތާލައި ނަޒާޙަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމާއި، ކޮރަޕްޝަން ނައްތާލުމުގައި ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.