ތަޢުލީމު

ހދ. ނޭކުރެންދޫ މަދުރަސާގެ 11 ކުލާހެއް ޑިޖިޓަލްކުރުމަށް ނިންމައިފި


ހދ. ނޭކުރެންދޫ މަދަރުސާގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކްލާސްރޫމްތައް ޑިޖިޓަލް ކުރުމަށް ނޭކުރެންދޫ ކައުންސިލުން ނިންމައިފިއެވެ.

ނޭކުރެންދޫ ކައުންސިލުން ވިދާޅުވީ މި މަސައްކަތް ކުރިޔަށްގެންދަނީ ނޭކުރެންދޫ މަދުރަސާގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކައުންސިލުން ކުރިޔަށްގެންދާ މަސައްކަތްތަކުގެ ދަށުންކަމަށެވެ. ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން ނޭކުރެންދޫ މަދަރުސާގެ 11 ކްލާސް ރޫމެއް ޑިޖިޓަލް ކުރުމަށް ނިންމާފައިވާކަމަށެވެ.

ނޭކުރެންދޫ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެހީދޭ ފަރާތްތަކުގެ އެހީއާއި ކައުންސިލްގެ ބަޖެޓުންކަމަށެވެ. އަދި މި ޕްރޮޖެކްޓަށް މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު އަނާރާ ނައީމް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވާކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ނޭކުރެންދޫ ކައުންސިލުން ވިދާޅުވީ މަސައްކަތް ކުރަމުންދަނީ މި އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން ފެށެންވާއިރަށް ކްލާސްތައް ޑިޖިޓަލްކުރުންކަމަށެވެ. އަދި މި ޕްރޮޖެކްޓަށް ދެލައްކަ ފުރިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް ކައުންސިލުން ވިދާޅުވެއެވެ.